ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އޭނާގެ އައު ކްލަބެއް ތައާރަފްކޮށް އެ ކްލަބުން ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ޓާގެޓް ވިދާޅުވެދެއްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ހިރިޔާ ސްކޫލްގައި އޮތް އިވެންޓުގައި އަލީ ވަނީ އޭނާގެ އައު ކްލަބް، އެޓޯލްސް އެފްސީ ތައާރަފްކުރައްވައިފައެވެ. އަދި އެ ކްލަބްގެ ޓާގެޓްތައް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"ސައްބީސް އެޓޯލްސްއަކީ ރާއްޖެއަށް ކުރިން ކީ ނަން. މަހަލްދީބް، މޯލްޑިވްސް، ދިވެހިރާއްޖެ އައީ އޭގެ މާ ފަހުން. މުޅި ދިވެހީން ތަމްސީލުކުރާފަދަ ނަމެއް ދުނިޔޭގައި ގުގުމާލުމަށް ޓަކައި އެޓޯލްސްގެ ނަން މި ކްލަބަށް ކިޔަން ނިންމީ،" އަލީ ވިދާޅުވިއެވެ.
މި ކްލަބްގެ އަމާޒަކީ ގައުމުގެ ރައްޔިތުންނާއެކު ފުޓުބޯޅައިން އާ ޖީލެއް ބިނާކޮށް އައު އުންމީދެއްގައި ނުކުތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ކްލަބްގެ މޮޓޯއަކީ "ބްރޭކް ދި ބެރިއާސް" ކަމަށާއި އެއީ ހުރަސްތައް ކުރިމަތިވިޔަސް އެ ހުރަސްތަކާ ކުރިމަތިލައި ގިރާކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
އަލީ ވަނީ އޭނާގެ ކްލަބްގެ ޓާގެޓްތައް ވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެޓޯލްސް އެފްސީއިން އެއް އަހަރު ދުވަހުގެ ތެރޭގައި ބައިނަލްއަގްވާމީ ކްލަބް ނެޓްވޯކެއް އުފައްދާނެ ކަމަށެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ ކްލަބެއް އިންޓަނޭޝަނަލް ނެޓްވޯކްގެ ތެރެއަށް ވަންނާނެ ކަމަށާއި އޭގެ ފައިދާ ދިވެހި ކޯޗުންނަށް، ކުޅުންތެރިންނަށް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ކަމުގެ ސަބަބުން ޕްރޮފެޝަނަލް ކުޅުންތެރިން ބިނާކުރަން މަގުފަހިވާނެ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.
ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެޓޯލްސް އެފްސީގެ ވިއުގަ ގާއިމުކުރާނެކަމަށް ވެސް އަލީ ވިދާޅުވިއެވެ. މިހާރު މާލެއަށް ނިސްބަތްވާ ގައުމީ ޓީމުގައި ހުރީ އެންމެ ކުޅުންތެރިއެެއް ކަމަށާއި މާލެއަށް ފޯކަސް ކޮށްގެން ފުޓްބޯޅަ ޑިވަލޮޕްކުރަން މަސައްކަތްކޮށްގެން އޮންނާނީ މާލެއާ ހިސާބުގައި އެކަނި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރަށެއްގައި މޮޅު ކުޅުންތެރިއެއް ހުރެއްޖިއްޔާ އަޅުގަނޑުމެން އެޓޯލްސްއިން އެ ކުޅުންތެރިއަކަށް ފާރަ ވެސް ލާނަން. އެ ކުޅުންތެރިއަކު އެ ހުރި ހިސާބުން ދެން ހުރި ހިސާބަށް ދިއުމަށް ޓަކައި އަޅުގަނޑުމެން އެ ޑިވަލޮޕްމަންޓުގައި ހިފުން އަޅުގަނޑުމެންގެ މަގުސަދަކީ،" އަލީ ވިދާޅުވިއެވެ.
ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޗެމްޕިއަނުންނަށް ވުމަކީ ވެސް އެޓޯލްސް އެފްސީގެ ޓާގެޓެއް ކަމަށް އަލީ ވިދާޅުވިއެވެ. ޓާގެޓަކީ ތާޑް ޑިވިޝަނުން ފަށައި ފަސް އަހަރު ފަހުން ރާއްޖޭގެ ގައުމީ ޗެމްޕިއަނަކީ އެޓޯލްސް ފުޓްބޯޅަ ކްލަބް ކަމަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެއަށްފަހު، 10 އަހަރު ދުވަހަށް އޮތް ޓާގެޓެއް ވެސް އޭނާ ވިދާޅުވިއެވެ. 10 އަހަރު ތެރޭގައި އޭއެފްސީ ކަޕް ކާމިޔާބުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، 15 އަހަރު ދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް އައު ޖީލެއް، އައު ގައުމީ ޓީމެއް ބިނާކުރާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަށާނަން އެކަޑަމީއެއް ފަސް އަހަރާއި ހަތް އަހަރުގެ ބެޗެއް އަޅުގަނޑުމެން ނަގަން މި ގަސްތު ކުރަނީ. އަޅުގަނޑުމެން އެ ބެޗް 15 އަހަރު ވަންދެން ގެންގުޅޭނަން،" އޭނާ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ކުރިއަތް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ވޯލްޑްކަޕަށް ކޮލިފައިވުމަކީ ވެސް ޓާގެޓެއް ކަމަށެވެ.
"ވިހި އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ވޯލްޑްކަޕަށް ކޮލިފައިވާނެކަމަށް މީހަކު މިތާ ސްޓޭޖެއްގައި ބުނީމަ ބައެއް މީހުން ބުނެފާނެ އެއީ މޮޔައެކޭ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިސާލު ޖައްސަވާ އޭނާ ވިދާޅުވީ ޔޫރަޕްގެ އާބާދީ ކުޑަ ގައުމުތަކުގެ ތެރެއިން ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން ގޮވައިގެން ވެސް ވޯލްޑްކަޕަށް ކޮލިފައިވެފައި އެބަހުރި ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ނުވާނެއޭ ކިޔާފައި ތިބީމަ ދުވަހަކު ވެސް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
އެފްއޭއެމްއާ ހަވާލުވުމުގެ ބަދަލުގައި ކްލަބެއް ހަދައިގެން ކުރިއަށް ދާން ވިސްނީ ކީއްވެތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އަލީ ވިދާޅުވީ، އެފްއޭއެމްއަކީ ކްލަބްތަކުގެ އެއްޗެއް ކަމަށާއި އެ ތަނުގައި ތިބޭނީ ކްލަބްތަކުން ބޭނުންވާ ބަަޔަކު ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމެއް ނެތް ބަޔަކާ ތަޅައި ފޮޅައިގެން، ބަޔަކަށް އެވެނި ކަމެއް ކޮށްދޭނަމޭ ކިޔައިގެން ހަޔާތުގެ ބާކީ ބައި ހޭދަކުރާކަށް،" އަލީ ވިދާޅުވިއެވެ.
"ބަޔަކު ކަމެއް ހަވާލުކުރާނެކަމަށް ހުންނަ މީހެއް ނޫން އަޅުގަނޑަކީ، ހުއްޓި ނުހުރެވޭނެ. އަޅުގަނޑުމެން ނައްޓާލީ،"
އަލީގެ މި އިވެންޓުގައި ރާއްޖޭގެ ގިނަ ފުޓުބޯޅަ ކުޅުންތެރިންތަކެއް ވެސް ބައިވެރިވިއެވެ. އެ ގޮތުން، ރާއްޖެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ރޭގެ އިވެންޓުގައި ބައިވެރިވިއެވެ.
ހިރިޔާ ސްކޫލްގެ މުޅި ހޯލް ރޭ ފުރި ކޮޅަށް ވެސް ބައެއް މީހުން އިވެންޓު ބަލަން ތިބިއިރު، ގާތްގަނޑަކަށް 900އާ ގާތްކުރާ އަދަދަކަށް މީހުން އެ ތަނަށް ވަން ކަމަށް ބެލެވެއެވެ.
އަލީ ވިދާޅުވީ އޭނާ މަސައްކަތް ކުރާނީ އެޓޯލްސް އެފްސީގެ ހެޑް ކޯޗްގެ ގޮތުގައި ކަމަށެވެ.
އަލީ އެންމެ ފަހުން މަސައްކަތް ކުރީ ލަންޑަންގެ ނޮން ލީގުގެ ކްލަބް، ސްޕޯޓިން ލަންޑަނުގެ ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ވިމްބެލްޑަން ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް އެ ކްލަބަށް މިދިޔަ މެއި މަހު ކާމިޔާބުކޮށްދިނެވެ.