ދެވަނަ ދައުރެއްގައި ހއ. ދިއްދޫގައި އެއާޕޯޓެއް ތަރައްގީކޮށް އެ ރަށް ކައިރީ ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫތައް ހިންގަވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.
ހއ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ރިޔާސީ ކެމްޕޭން ދަތުރުފުޅުގައި އެންމެ ފަޙު ރަށެއްގެ ގޮތުގައި ދިއްދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ދެވަނަ ދައުރެއްގައި ދިއްދޫގައި ހިންގަ ވާނެ މުހިންމު މަޝްރޫތައް އިއުލާނުކުރައްވައިފައެވެ.
ރައީސް ޞާލިޙު މިފަދައިން ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރައީސް ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭ ފެށޭނެ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުންގެ ފަރާތުން މިއަދު އިވޭ ވާހަކައަކީ މި ރަށް ކައިރީ ޕިކްނިކް އައިލެންޑެއް ނުވަތަ މި ރަށުގައި އެއާޕޯޓެއް އޮންނަން ބޭނުންވާކަމުގެ ވާހަކަކަމަށެވެ. ބިން އިތުރުކޮށް ނިމޭއިރު އެއާޕޯޓެއް ވެސް ތަރައްގީ ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިއްދޫގައި އިރާދަކުރެއްވިއްޔާ ބިން ހިއްކި ނިމިގެން ދާއިރުގައި މި ރަށުގައި އެއާޕޯޓެއް ވެސް އެޅިގެންދާނެ. އަދި ދިިއްދޫގެ ރައްޔިތުން ތި ބޭނުންވާ ޕިކްނިކް އައިލެންޑު ވެސް ބިން ހިއްކިގެންދާއިރުގައި ކައިރީގައި ފެންނަން އޮންނާނެ،" ރައީސް ވިދާޅުވިއެވެ.
ހއ. ދިއްދޫގައި ބޭއްވި ރައީސްގެ ކެމްޕޭން ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
އެ މަނިކުފާނު ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ފަސޭހައިން، ކައިރިން ވަޒީފާ ދިނުމުގެ ބޭނުމުގައި ރަށް ކައިރީ ޓޫރިސްޓު ރިސޯޓުތައް ވެސް ތަރައްގީކޮށްދެއްވާނެކަމަށެވެ.
"ތި ބޭފުޅުން އުންމީދު ކަނޑައިނުލައްވައްޗޭ. އަޅުގަނޑުމެންގެ ޕްލޭން އެބައޮތް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންް އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ބޭނުންވާ ޒުވާނުންގެ މަރުކަޒެއް ވެސް އެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބޮޑުތިލަދުންމަތި ތަރައްގީވެ ކުރިއަރައިގެންދާ އިރުގައި ދިިއްދޫ ބާކީނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްގީގެ ކަންކަން މިއަދު މި ރަށުގައި ފުރިހަމަވަމުން އަންނައިރު އޭގެ އިގްތިޞާދީ ނަފާ ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.