ސްޓެލްކޯގެ އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށް ވިލިމާލޭ އިންޖީނުގެއާ ޖެހިގެން އޮތް ބިން އެ ކުންފުންޏަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދައިފިއެވެ.
ސްޓެލްކޯއިން ވަނީ ވިލިމާލޭގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އިންޖީނުގެ އާ އިންވެގެން 30 އަކަފޫޓު ދިނުމަށް ސިޓީ ކައުންސިލްގައި އެދިފައެވެ.
އެ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ މެދު ކައުންސިލަރުންގެ ޚިޔާލު ހޯދަން ހުޅުވާލާފައެވެ.
އެކަމާ ގުޅިގެން ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ވިދާޅުވީ، ވިލިމާލޭގައި ޓްރާންސްފޯމަރު ބެހެއްޓޭނެ އިތުރު ބިންތައް ހުރި އިރު، އިންޖީނުގެއާ ޖެހިގެން އޮތް ބިން ހޯދަން އެދުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ނަހުލާ ވިދާޅުވީ އެއީ ޓްރާންސްފޯމާ ބެހެއްޓުމުގެ ނަމުގައި ބިން އިތުރުކޮށް ޖާގަ ބޮޑު ކުރުމަށް ކުރި ކަމެއް ކަމަށެވެ.
ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ މިހާރު އިންޖީނުގެ ހިންގާ ބިމުގައި ޓްރާންސްފޯމާ ބެހެއްޓުމަށް އެންގުމަށާއި، އެ ތަނުގައި ނުބެހެއްޓޭ ނަމަ އިތުރަށް މަޝްވަރާ ކުރުމަށެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ވިލިމާލޭގައި ޓްރާންސްފޯމަރު ބަހައްޓަން ބިން ދޫކުރަން އެދުނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ގްރިޑްގެ މަސައްކަތުގެ ދަށުން ބޭނުންވާ ޓްރާންސްފޯމަރެއް ބެހެއްޓުމަށް ކަމަށެވެ. މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގެ ކަނެކްޓިވިޓީ މަސައްކަތް ފެށުމާއެކު ކަރަންޓު ލޯޑު ބޮޑުވާނެ ކަމަށާއި، އެ ބިން ނުލިބިއްޖެ ނަމަ ދަތިތަކެއް ކުރިމަތި ވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އެ ޓްރާންސްފޯމަރަކީ ގްރޭޓާ މާލެ ގްރިޑްގެ މަސައްކަތުގައި ބޭނުންކުރާ ޖެނެރޭޓަރެއް، އެހެން ބިމަކު ވެސް ބެހެއްޓި ދާނެ، އެކަމަކު އެއީ އިތުރު ޚަރަދެއް، އިތުރު މަސައްކަތެއް." ސްޓެލްކޯއިން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ ސްޓެލްކޯއިން ބިން ދިނުމަށް އެދިފައިވަނީ ކުއްލިއަކަށް ކަމަށާއި، އެއީ ދުރާލާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ސްޓެލްކޯއިން ބިން ދިނުމަށް މީގެ ކުރިން ކައުންސިލްގައި އެދުމުން، ސިޓީ ކައުންސިލުން އެފަހަރު ވެސް ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.