މީސްކޮޅު މަދު ތަކަންދޫއިން މިހާރު ބަލަނީ ބްރިޖާއި ޕާކުތަކުގެ ޒަމާނީ ހުވަފެން!

ހއ. ތަކަންދޫ ބަނދަރުމަތީ ކުޑަ އަންހެން ކުއްޖަކު ރައީސަށް މަރުހަބާ ކިޔުމަށް ރައީސްގެ އިންތިޒާރުގައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހަފީީޒް

ހއ. އަތޮޅުގެ ރަށްތަކުގައިި ހުއްޓުމެެއް ނެތި ދަތުރު ކުރިއަށްދަނީއެވެ. ހއ. މާރަންދޫއިން ދެ މިނެޓުުގެ ދަތުރެއްގައި ކުރިމަތީ ފެންނާން އޮތް ތަކަންދޫއަށް އާދެވުނު އިރު އަދި ލޯންޗުގެ ސްޕީޑު ވެސް ރަނގަޅަށް ނަގައިނުލެވެއެވެ.

ކެމްޕޭނެއްގެ މޫސުންކަމުން ބަނދަރު އޮތީ ކުލަކުލައިގެ ދިދައިން ޖަރީކޮށްފައެވެ. ރައީސް ކެމްޕޭނަށް ވަޑައިގަންނަވާތީ، އެ މަނިކުފާނަށް މަރުހަބާ ކިޔުމަށްޓަކައި ތަކަންދޫއިން އެކި އުމުރުފުރައިގެ މީހުން ބަނދަރުގައި ތިއްބެވެ.

ރަށަށް އަރައި ބަނދަރުމަތީ ހުރި އައްޓެއްގައި އިށީނދެލީމެވެ. ކައިރީގައި ތިބި ކުޑަ ދެ ފިރިހެން ކުއްޖަކު އަޅުގަނޑު ގާތު ކޮއްޓައިލައިފައި 'ރައީސް އަންނާނީ' ކޮން އިރަކުންތޯ އަހައިލިއެވެ.

މި ކުދިންނާ ކުޑަކޮށް ވާހަކަދައްކައިލުމުން ރައީސް ރަށަށް ވަޑައިގަންނަވާނެ އިރަކަށް މި ކުދިން އިންތިޒާރުކުރީ ކީއްވެކަން އެނގިއްޖެއެވެ. އެ ކުދިން ވެސް ތިބީ ރަށަށް ގެންނަން އެ ކުދިން ބޭނުންވާ ތަރައްގީގެ މެނިފެސްޓޯއެއް ހުށަހަޅާށެވެ.

އެންމެ ކުޑަ ކުއްޖާ ވެސް ކުރަނީ ތަރައްގީގެ އެންމެ މަތީ އުންމީދެވެ.

"އަޅުގަނޑު ބޭނުންވަނީ މި ރަށުގައި ބޮޑު ވޯޓާ ޕާކެއް އަޅަން. އެ ތަނުގައި ސްލައިޑްތަކެއް ލައި، ވަރަށް ސަޅިކޮށް މި ތަން ހުންނަން. މޫދަށް އަބަދު އެރެން މިހާރު މި ޖެހެނީ،" އަޅުގަނޑާ ވާހަކަ ދެއްކި އެ ކުޑަ ފިރިހެން ކުއްޖާ ބުނެލިއެވެ.

ހަމަ އެހެން ބުނެ ނުނިމެނީސް އަޅުގަނޑު ގާތު ދެންހުރި ކުއްޖާ އޭނާ ބޭނުންވާ ކަންތައްތަކުގެ ލިސްޓު ކިޔައިދޭން ފެށިއެވެ. އެއްވަނައިގައި އޮތީ ބޯޅަ ކުޅެވޭނެ ދަނޑެއް އަޅައިދިނުމެވެ. އެ ތަނުގައި އެ ކަމަށް ބޭނުންވާ ވަސީލަތްތައް ހުރުން ވެސް އެ ލިސްޓުގައި ލާޒިމް ކުރެއެވެ.

މިިއީ ތަކަންދޫ ކުޑަ ކުދިންތަކެއްގެ ވާހަކައެވެ. ރަށުގައި ފެށުނީއްސުރެ ދިރިއުޅޭ ރައްޔިތުން ރަށަށް މަޑުމަޑުން އަންނަ ހެޔޮ ބަދަލާމެދު ހިތްހަމަޖެހެއެވެ. ނަމަވެސް އެ މީހުން ވެސް އުންމީދުތައް ނުހަނު ގިނައެވެ.

ފަތުރުވެރިކަމުގައާއި ތަހުޒީބީ ތަރައްގީގައި މި ރަށް ބާކީވެފައި އޮތުމަކީ ރަށުގެ އެކަކު ވެސް އެދޭ ކަމެއް ނޫނެވެ.

ތަކަންދޫގައި ބޭއްވި ރައީސްގެ ކެމްޕޭން ޖަލްސާ -- ފޮޓޯ/ އެމްޑީޕީ

"ވަރަށް ބޭނުން މި ތަކަންދޫގައި ފަތުރުވެރިކަމަށް ވެސް މަސައްކަތް ފަށަން. ނިކަން ބަލައިލަބަލަ މި ރަށަށް. މިހާ ހިތްފަސޭހަ، ހިތްގައިމު ރަށެއްގައި މި ކަން ނުކުރަންވީ ކީއްވެ ހަމަ ޔަގީން ކުރިއަރާނެ،" ރައީސަށް މަރުހަބާ ކިޔުމަށް ނިކުމެ ހުރި ހަރު އުމުުރުގެ ފިރިހެނަކު ބުންޏެވެ.

މި ނިމުނީއެއް ނޫނެވެ. ތަކަންދޫ ބަނދަރު މަތީ ހުންނައިރު ކުރިމަތީ ފެންނަން އޮންނަ މާރަންދޫއާ ގުޅައިލެވޭނެ ނަމައޭ ހިތަށް އަރާ މީހުން ވެސް މަދެއް ނޫނެވެ.

"އެއީ މާލޭގައި ނަމަ ހެންވޭރާއި މާފަންނު ގުޅިފައި އޮތުން ހަމަ،" ރަށުން އަޅުގަނޑާ ވާހަކަދައްކައިލި މީހަކު ބުންޏެވެ.

ގައިން ތާހިރުވާނެ އެންމެ އާސާސީ ޚިދުމަތް ރަށުގައި ގާއިމްކުރެވިއްޖެއެވެ. ދެން މި ރަށު ރައްޔިތުން ވެސް އަމާޒު ހިފައިގެން ތިބީ ތަހުޒީބީ ފަހުގެ ތަރައްގީއަކަށެވެ.

comment ކޮމެންޓް