ކުދި އާބާދީގެ ރަށްތައް ފަޅުކުރަން ބޭނުންވާނަމަ، އިންތިޚާބުގައި އެ ވާހަކަ ދައްކަން ޖެހޭ: ވަހީދު

ވަހީދު: ވިދާޅުވީ ކުދި އާބާދީގެ ރަށްތައް ފަޅުކުރަން ބޭނުންވާނަމަ، އިންތިޚާބުގައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ---- ސަން ފޮޓޯ/ މޫސާ ނަދީމް

ކުދި އާބާދީގެ ރަށްތައް ފަޅު ކުރަން ބޭނުންވާނަމަ އިންތިޚާބުގައި އެވާހަކަ ސިޔާސީ ވެރިން ދައްކަން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު މުޙައްމަދު ވަހީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ރަށްތައް ފަޅުކުރާ ވަހަކަ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

މިގޮތުން، ވެރިކަމަށް ވަޑައިގަތްތަން ފެނިވަޑައިގަތީ ކުދި އާބާދީތަކުގެ ރަށްތަކަށް ރައީސް ވަޑައިގެން، އެ ރަށްތަކުގައި މަޝްރޫއުތައް ހިންގަން ވައުދުވެވަޑައިގަންނަވާ މަންޒަރު ކަމަށް ވަހީދު ވިދާޅުވިއެވެ.

އެކަމަކު، އަޅުގަނޑުމެނަށް ފެނިގެންދިޔައީ 500 ހަމަނުވާ ރަށަށްވެސް، 100 މީހުން އުޅޭ ރަށަކަށް ވެސް ހަމަ ބާރަބަރަށް ވަޑައިގެން އެރަށުގައި މަޝްރޫއުތައް ހިންގަން ވައުދުވަމުންވަމުން އެއްވެސް ކަމެއް ހުއްޓާނުލައްވާނެ ކަމަށް ވައުދުވަމުން، ބޮޑެތި ލިންކުލޯޑުތައް ހައްދަވަން ވައުދުވަމުން ވެރިކަމަށް ވަޑައިގަތީ. މިހާރު އެކަން އެގޮތަށް ކުރައްވާނަމަ [ކުދި އާބާދީގެ ރަށްތައް ފަޅުކުރާނަމަ] އިންތިޚާބުގަ ޖެހޭނެ އެވާހަކަ ދައްކަވަން

ރާއްޖޭގެ ރަށްތަކެއް: ކުދި އާބާދީގެ ރަށްތައް ފަޅުކުރަން ބޭނުންވާނަމަ، އިންތިޚާބުގައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވަހީދު ވިދާޅުވި --- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

މީގެއިތުރުން، ދައުލަތުން 'އެއްފަޅިއަކަށް' އަރައިފިއްޔާ ރަށެއްގެ މެޖޯރިޓީ ވަކި ކޮޅަކަށް އަނބުރާ ލުމަކީ ދަތިތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލެެއްގެ ގޮތުން އޭނާ ނެންގެނީ ހދ. ހިރިމަރަދޫގެ ވާހަކައެވެ. އެގޮތުން، ދައުލަތުން އެ ރަށުގައި ލަފާފުރުމުގައި ހުރި މައްސަލަތައް ހައްލުކޮށްދޭން ބަނދަރެއް ވެސް ހަދާފައިވާ ކަމަށާއި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ކުރެވެމުން އަންނަކަން ވަހީދު ފާހަގަކުރައްވިއެވެ.

އެގޮތުން، ކުއްލިއަކަށް ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ވާހަކައަކީ އޭގެ ފަހަތުގައި އެހެން ނުފޫޒުތަކެއް ނުވަތަ ސަބަބުތަކެއް އުޅޭތީ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ވަހީދު ވިދާޅުވި ގޮތުގައި، ރަށަކުން އެހެން ތަނަކަށް ނުވަތަ ރަށަކަށް ބަދަލުވުމުގެ އިޚްތިޔާރު އެ ރަށެއްގެ ރައްޔިތުންނަށް އޮންނަން ވާނެއެވެ..

އެކަމަކު ދައުލަތުން އެއްކަލަ ފަޅަށް ވަންނަ ރާގޮނޑި އައިނެއް ވަށައިގެން ދާޖަހާފައި ގޮސް އެއްގަމަށް އެރުން ނޫން ގޮތެއް. ދެން ހުރި ހުރިހާ ގޮތެއް ބަންދުކޮށްލާހެން އޭނާގެ އެހެން ހުރިހާ ދިމާލެއް ބަންދުކޮށްލާފައި ލަވަމުން ލަވަމުން ގޮސް ވަކި ދިމާލަކަށް މަޖުބޫރުން ލުން އެއީކީ އޭނާގެ އަމިއްލަ އިޚްތިޔާރުގަ ނިންމާ ނިންމުމެއް ނޫނޭ. އެގޮތަކަށް މިހާރު އަޅުގަނޑުމެން އަމަލު ކުރަމުން މިދާ ޑިމޮކެރެޓިކް ނިޒާމުތަކުގެ ކަންތައްތަކެއް ނުކުރެވޭނެ.

އެފަދައިން އަމަލު ކުރަމުންދާ ނަމަ މިހާރު ރާއްޖެ 'ފިރުކެމުން ދަނީ އެންމެ' ޚުދުމުހުތާރު ބޯދާ ޒަމާނަށް ކަމަށާއި ގާނޫނަށް އިސްލާހު ގެންނަނަމަ އެ އިސްލާހެއް އިތުރަށް ރަނގަޅުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި، އެ ހަމަތައް ނަގާލަން ފުރުސަތު ދީގެން ނުތިބޭނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް