ބަލަކްގެ ފުޓްބޯޅަ އިވެންޓް މިރޭ ކިކްއޮފްކުރަނީ، ވިދާޅުވީ ތާރީހީ ރެޔަކަށް ވާނެކަމަށް!

ދެ އަހަރާއި ފަސް މަސް ފަހުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ވަޑައިގަތުން -- ސަން ފޮޓޯ/ މާހިލް އާތިފް

ރާއްޖޭގެ ފުޓުބޯޅަައަށް އިސްލާހީ ބަދަލެއް ގެނެސްދިނުމަށް އުންމީދުކުރައްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ކުރައްވަން ފައްޓަވާ މަސައްކަތް ކިކްއޮފްކުރުން މިރޭ ހިރިޔާ ސްކޫލްގައި ބާއްވަން ނިންމައިފިއެވެ.

މި އިވެންޓާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އަލީ ނުދެއްވައެެވެ. އޭނާ ބޭނުންވަނީ މި ކަން ސަޕްރައިޒެއްގެ ގޮތުގައި އޮންނާށެވެ.

"މިރެއަކީ އިރާދަކުރެއްވިއްޔާ ދިވެހި ފުޓުބޯޅައަށް އައު އުންމީދެއް ގެނެސްދޭނެ ތާރީހީ ރެޔެއް،" ވަރަށް ކުރުކޮށް ފޮނިކޮށް އޭނާ ވިދާޅުވިއެވެ.

އަލީ އެންމެ ފަހުން މަސައްކަތް ކުރީ ލަންޑަންގެ ނޮން ލީގުގެ ކްލަބް، ސްޕޯޓިން ލަންޑަނުގެ ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ވިމްބެލްޑަން ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް އެ ކްލަބަށް މިދިޔަ މެއި މަހު ކާމިޔާބުކޮށްދިނެވެ.

މި މަހު 11ގައި މާލެ ވަޑައިގެން ރަސްމީ ފާލަން ކައިރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، އޭނާގެ ފޯކަސް ހުރީ ކުޅިވަރުގެ ދާއިރާގައި މަސަައްކަތް ކުރުމަށް ކަމަށެވެ.

އަލީގެ ގާތް އެކުވެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަންކަން ވެސް ކުރި މިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) ހިއްސާ އޮންނަ، ނިއު ލެގޫންސް ކްލަބާ، އަލީ ހަވާލުވާން އުޅޭކަަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ. ބެލެވޭ ގޮތުގައި އޭނާ ބޮޑަށް މަަސައްކަތް ކުރާނީ ކޯޗެއްގެ ގޮތުގައެވެ.

މި ހުރިހާ ސުވާލެއްގެ ޖަވާބު ވެސް މިރޭ ލިބޭނެ ކަމަށް އަލީ ވިދާޅުވިއެވެ. މިރޭގެ އިވެންޓްގެ ލައިވް ކަވަރޭޖް 8:30އިން ފަށައިގެން އެސްއެސްޓީވީ އިން ދައްކާނެއެވެ.

comment ކޮމެންޓް