އަބަދު ސަރުކާރު ބަދަލުކުރަން އުޅޭ ބަޔަކަށް ވެގެން ނުވާނެ: ރައީސް

ރައީސް ހއ. މާރަންދޫގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އަބަދު ސަރުކާރު ބަދަލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ސަރުކާރު ދަމަހައްޓައި ތަރައްގީގެ މަޝްރޫތަކާ އެކު ކުރިއަށް ދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ގޮވައިލައްވައިފިއެވެ.

ހއ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި މި އަތޮޅު މާރަންދުއަށް އެ މަނިކުފާނު ވަޑައިގަތީ މިއަދެެވެ. މިއީ މި އަތޮޅުގައި ކެމްޕޭނަށް ވަޑައިގެންނެވި ހަވަަނަ ރަށެވެ. ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ މަސައްކަތް ކުރަންވީ ސަރުކާރު ދެމެހެއްޓުމަށް ކަމަށެވެ.

މާރަންދޫ ރައްޔިތުންގެ ކިބައިން ވެސް އެ މަނިކުފާނު އެދިވަޑައިގަތީ އެ ކަމަށެވެ.

"އަބަދު ސަރުކާރު ބަދަލުކުރާ ބައެއްގެ ގޮތުގައި ނުތިބެ ރައްޔިތުންނަށް ކޮށްދޭން ފަށައިފައިހުރި މަސައްކަތްތައް ނިންމުމަށްޓަަކައި އަޅުގަނޑުމެންނާ އެކީގައި މާރަންދޫ ރައްޔިތުން ތިއްބެވުން އެއީ އަޅުގަނޑުގެ އެދުމެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މާރަންދުއިން އެމްޑީޕީއަށް ވޯޓުދޭނެކަން ޔަގީން ކުރައްވާ ކަމަށެވެ.

ރައީސް ހއ. މާރަންދޫގައި ބޭއްވެވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ނުސީދާ ގޮތެއްގައި ރައީސް މުޙައްމަދު ނަޝީދަށް އިޝާރަތް ކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމަށް އެރުމަށް ފަހު ވެރިކަމުގައި ތިބެ ސަރުކާރު ބަދަލުކުރަން އުޅުމަކީ ފެނިވަޑައިގަންނަވާ މަންޒަރެއް ކަމަށެވެ. ނަމަވެސް އެއީ އެ ކަން ހިނގަންވީ ގޮތެއް ނޫން ކަމަށާއި ވެރިކަމަށް އައުމަށް ފަހު ކުރަންޖެހޭ ކަމަކީ ވައުދުތައް ފުއްދުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މާރަންދޫ ރައްޔިތޔުންގެ ވިސްނުން ބަދަލުވީ އެމްޑީޕީގެ ސަރުކާރަކުން ވާ ވައުދުތައް ފުއްދައިދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާތީ ކަމަށެވެ. ފުރަތަމަ ލިބުނު 17 ވޯޓަށްފަހު 2018 ވަނަ އަހަރު މި ރަށުން އެމްޑީޕީއަށް 58 ޕަސެންޓު ވޯޓު ލިބުނުއިރު މި އަހަރު އެއަށްވުރެ މަތިން މި ރަށް ކާމިޔާބުވާނެކަމުގެ އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެެވެ.

"މާރަންދޫ ބަދަލުވަމުން، ބަދަލުވަމުން، ބަދަލުވަމުން މި އަންނަނީ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މާރަންދުއިން އެމްޑީޕީއަށް ލިބުނީ 17 ވޯޓު. 2018ވަަނަ އަހަރު ރިޔާސީ އިންތިޚާބުގައި މި ރަށުން 58 ޕަސެންޓު ވޯޓު އަޅުގަނޑުމެންނަށް ލިބުނު. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މާރަންދޫގައި:

  • ސިއްހީ މަރުކަޒު 24 ގަޑިއިރުގެ ޚިދުމަތް ދިނުމަށް ފަހިކޮށްދެއްވާނެ ކަމަށް
  • ސިއްހީ މަރުކަޒުގައި ލެބޯޯޓްރީއެއް ގާއިމްކޮށްދެއްވާނެ ކަމަށް
  • ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކުރާނެ ކަމަށް
  • އާ ކައުންސިލް އިމާރާތެއް ދެއްވާނެ ކަމަށް
  • ފުލުހުންގެ ޚިދުމަތް ރަށުގައި ދޭނެ ކަމަށް
comment ކޮމެންޓް