އިހަަވަންދޫ ކައިރި އޮންނަ ދިގުފަރުގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގަން ނިންމައިފި

ރައީސް ހއ. އިހަވަންދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އިހަވަންދޫ ކައިރި އޮތް ދިގު ފަރުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގަން ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އިއުލާނު ކުރައްވައިފިއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ހއ. އިހަވަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މަޝްރޫއު އިއުލާނުކުރެއްވި ނަމަވެސް އެ ކަމުގެ އިތުރު ތަފުސީލެއް އެ މަނިކުފާނު ހާމައެއް ނުކުރައްވައެވެ.

"އިހަވަންދޫ ކަިއރި މި އޮތް ދިގުފަރުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޕޮރޮޖެކްޓެއް އަޅުގަނޑުމެން ހިންގަން ފަށާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ:

  • ބިން ހިއްކުން ނިމި، މަސް ގަންނަ ބަނދަރާއި މަރުކަޒު ދެ ހަފުތާ ތެރޭ ފެށޭނެކަމަށް. މި ތަނުގައި ސްލިޕްވޭއަކާއި އެމްޓީސީސީ ސޭލްސް ސެންޓަރެއް ހުންނާނެކަމަށް. ދެވަނަ ފޭސްގައި މަސް ޕްރޮސެެސްކުރެވޭނެ ގޮތް ހެދުން.
  • ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން
  • ރަށުގެ އިތުރު މަގުތައް ތަރައްގީކުރުން

ރައީސް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް މި ސަރުކާރުން ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ކުޅުދުއްފުށީ ކޮމާޝަލް ޕޯޓުފަދަ ތަރައްގީގެ މަޝްރޫތަކާ އެކު އެ ތަސައްވުރަކީ ކޮބައިކަން ހާމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިހަވަންދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަދިވެސް ގިނަ ކަމަށެވެ. އެގޮތުން ރަށުގައި ތިބެ ސިއްހީ ހިދުމަތް ލިބޭނެ މަގު ހަމަޖެހުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. މި ރަށުގައި ހޮސްޕިޓަލެއް އަޅަން ކުރެވިފައިވާ ކޮންޓްރެކްޓަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނުފެށި ލަސްވާކަމަށް ގަބޫލުފުޅުކުރައްވައި ކަމަށެވެ.

ނަމަވެސް އެ ކަން ލަސްވަނީ ސަރުކާރުގެ ސަބަބުން ނޫން ކަމަށާއި އެއީ ކޮންޓްރެކްޓަރުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ. އެއްބަސްވުން ބާތިލުނުކޮށް ކުރިއަށްދާން ކުރެވުނު މަޝްވަރާތަކާ އެކު މި ފެށޭ އޮގަސްޓުގެ ފުރަތަމަކޮޅު މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ހއ. އިހަވަންދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މާލެއިން އުތުރުގައި އެންމެ މަސްވެރި ރަށަކީ މި ރަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަސްވެރިންނަށް އަދިވެސް ގޮންޖެހުން ހުރިކަމަށެވެ. މަސް ކިރުމުގައާއި، ފައިސާ ލިބުމުގާއި، ތެޔޮ ލިބުމުގައި ވެސް ދަތިތައް ހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެ ދަތިތައް ކުރިމަތިވަމުން އަދިވެސް އަންނަނީ މިދިޔަ ސަރުކާރުތަކުން އަމަލުކުރި ގޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުންނޭ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަށްގެންދަން ޖެހޭނީ. އަދި ޕްރައިވެޓް ސެކްޓަރަށް އެކީގައި ދޫކޮށްލައިގެން އެ ކަން ކުރަނީ އެންމެ ފައިދާހުރި ގޮތެއްކަމަކަށް އަޅުގަނޑު ނުދެކެން. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ މިފްކޯއަށް މިހާރަށްވުރެ ބޮޑަށް އިންވެސްޓުކޮށް ފަސޭހައިން މަސްކިރޭނެ ގޮތް ހަދައި، ކިރޭ މަސް ރަނގަޅަަށް ފްރީޒްކުރެވި ސްޓޯކުރެވި ރަނގަޅު އަގުގައި ބޭރަށް ވިއްކޭނެ ގޮތް ހެދުން،" ރައީސް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅާއި ބޮޑުތިލަދުންމަތި އޮތީ ޗާޓުގައި ކުލަގަދަކޮށް!

ރައީސް ވިދާޅުވީ އިހަވަންދިއްޕޮޅާއި ބޮޑުތިލަދުންމައްޗަކީ އެ މަނިކުފާނުގެ 'ޗާޓުގައި ވަރަށް ރަނގަޅަށް ކުލަގަދަކޮށް ލިޔެފައިވާ' ސަރަހައްދުތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ ބޮޑުތިލަދުންމައްޗަކީ އަމިއްލަ އިގްތިޞާދެއް ބިނާކޮށްގެން އުޅެމުން އައި ރައްޔިތަކު އުޅުނު ސަރަހައްދެއް ކަމަށެވެ. ރާއްޖެއިން ބޭރަށް ދަތުރުކޮށް، ވިޔަފާރިކުރުމާއި އެ ކަންކަން ކުރިއެރުވުމަކީ މީގެ މާ ކުރިން މި ސަރަހައްދުގެ ރައްޔިތުން ކުރަމުން އައި ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ކަން ހުއްޓުމަކަށް އައީ 1950ގެ އަހަރުތަކުގައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލަމުން އައި ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން އަނެއްކާ ވެސް ނުކުމެ މިތިބީ މި ބޮޑުތިލަދުންމަތީގެ މާޒީ އަނބުރާ ރައްޔިތުންނަށް ފޯރުކޮށްދޭން،" އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް