މިއަހަރުގެ މިހާތަނަށް ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް 40،243 މެޓްރިކްޓަނުގެ މަސް ކިރުވައިފިއެވެ.
މިފްކޯއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހިނގާ ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރުވި މަހުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ، %26 އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރެގައި މިފްކޯއަށް ކިރުވާފައި ވަނީ، 31،981 މެޓްރިކް ޓަނުގެ މަހެވެ.
އޭގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރުވިމަހަށް 669.9 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 154.6 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސްކިރުވާފައި ވަނީ ގއ. ކޫއްޑޫއަށެވެ. ކޫއްޑޫއަށް 31،046 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، މިއީ 521.6 މިލިއަން ރުފިޔާއެވެ.
ދެވަނައަށް އެންމެ ގިނައިން މަސްކިރުވާފައި ވަނީ ޅ. ފެލިވަރަށެވެ. ފެލިވަރަށް 4،846 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، ފެލިވަރަށް ކިރުވިމަހަށް 74.9 މިލިއަން ރުފިޔާ ޖެހެއެވެ.
މަސްވެރިން އެންމެ މަދުން މަސްކިރުވާފައި ވަނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށެވެ. އެތަނަށް ކިރުވި 4،351 މެޓްރިކް ޓަނުގެ މަހަށް، 73.4 މިލިން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއަށް ކިރުވާ މަހުގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ގއ. ކޫއްޑޫ އާއި ކ. ކަނޑުއޮތްގިރި އާއި މ. މުލަކުގައި ކޯލްޑް ސްޓޯރޭޖް ހަދައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އާއްމުކޮށް އިއުލާނުކޮށްފައެވެ.
އެ ރަށްތަކުގައި ހެދުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމުނުން މަސް މިފްކޯގެ ރައްކާކުރުމުގެ ގާބިލުކަން 4700 ޓަނަށް އިތުރުވެގެން ދާނެއެވެ.