25 އަހަރަށް ފަހު މޮޅަދުއަށް ޒަމާނީ އިންޖީނުގެއެއް ލިބިއްޖެ

މޮޅަދޫގެ އައު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---

ރާއްޖޭގައި މީހުން ދިރިއުޅެމުންދާ ރަށްތަކުގެ ތެރެއިން އެންމެ މަދުން މީހުން އުޅޭ އެއް ރަށް ހއ. މޮޅަދޫގައި ފެނަކައިން އަޅައިދިން ޒަމާނީ އިންޖީނުގެ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ފެނަކައިން އަތޮޅުގެ ރަށްތަކުގައި ހެދި 22 ވަނަ އިންޖީނުގެއެވެ. މޮޅަދޫގެ އައު އިންޖީނުގެ ހުޅުވައިދެއްވީ، އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޟާލިޙެވެ.

މޮޅަދޫގައި އަލަށް ހުޅުވި އިންޖީނުގެއަކީ ކުރިން ހުރި އިންޖީނުގެއާ އަޅާކިޔާއިރު، 3 ގުނަ ބޮޑު އިންޖީނުގެއެކެވެ. ކުރިން ހުރި އިންޖީނުގޭ އޮފީސް އިމާރާތުގައި އެއްފަހަރާ 4 މީހުނަށް މަސައްކަތް ކުރެވުނު ނަމަވެސް، އައު އިންޖީނުގޭގައި 30 މީހުންނަށް އެއްވެސް ދަތިކަމެއްނެތި މަސައްކަތް ކުރެވެއެވެ.

މޮޅަދޫގައި ފެނަކައިން އަލަށް އެޅި އިންޖީނުގެ އަދި އޮފީސް އިމާރާތް---

މޮޅަދޫގައި މީގެކުރިން ކަރަންޓް ދިނުމަށް ބޭނުންކުރި ޖަނަރޭޓަރުތަކުން އުފެއްދެނީ 280 ކިލޯވޮޓްގެ ކަރަންޓެވެ. ނަމަވެސް އައު އިންޖީނުގޭ ހުޅުވުމާއިއެކު ކަރަންޓް އުފެއްދުމުގެ ގާބިލުކަން ވަނީ 480 ކިލޯވޮޓަށް އިތުރުކުރެވިފައެވެ.

މޮޅަދޫ ބައު އިންޖީނުގެ---

ކުރިން ހުރި އިންޖީނުގޭގައި ހަމައެކަނި ކޮންޓްރޯލް ރޫމަކާއި ޑެގްރޫމެއް ހުރި ނަމަވެސް، އަލަށް ހެދި އިންޖީނުގޭގައި ކޮންޓްރޯލް ރޫމް، ޑެގްރޫމް، ވޯކްޝޮޕް، ސްޓޯރު، ޗިމްނީ، ފިއުލް ޓޭންކު، ޕޭންޓްރީ އަދި ފާހާނާއެއް ހުރެއެވެ. މީގެ އިތުރުން އިންޖީނުގެ އޮފީސް އިމާރާތުގައި ރިސެޕްޝަން، ލޮބީ، މީޓިން ރޫމް، މެނޭޖަރު ރޫމް، ޓެކްނިކަލް ސްޓާފް ރޫމް، ރެސްޓް ރޫމް، ޕޭންޓްރީގެ އިތުރުން ފާހާނާ ހުރެއެވެ.

މޮޅަދުއަކީ ރާއްޖޭގެ ނިސްބަތުން ވެސް އެންމެ މަދުބަޔަކު ދިރިއުޅެމުންދާ އެއް ރަށެވެ. މި ރަށުގެ އާބާދީއަކީ 245 އެވެ.

comment ކޮމެންޓް