އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާއަށް ގާސިމާއި ނަޝީދާއި ނާޒިމް ބައްދަލު ކުރައްވަނީ

ނާޒިމް، ނަޝީދު އަދި ގާސިމް --

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރުމާ މެދު ގޮތެއް ނިންމުމުގެ މަޝްވަރާއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުޙައްމަދު ނާޒިމް، މިއަދު ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

ގާސިމްގެ އަރިސް ބޭފުޅަކު މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި އެ ބައްދަލު ކުރެއްވުން އޮތީ މިއަދު، 1:00 ގައި ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައެވެ.

"ބައްދަލު ކުރައްވާ ސީދާ ސަބަބެއް އަދި ހާމައެއް ނުކުރޭ. އެކަމަކު މި ދުވަސްކޮޅު އޮންނާނީ ދެން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ކަންކަން ނޫންތޯ؟،" އެ ބޭފުޅާ ވިދާޅުވިއެވެ.

އިއްޔެ ނާޒިމާއި ގާސިމް ވަނީ، ސަން އައިލެންޑް ރިސޯޓްގައި ވެސް ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލު ކުރެއްވުމަށް ފަހު ގާސިމް ވިދާޅުވީ ނާޒިމާ އެކު މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ގުޅުން ގޯސްވި ހިސާބުން ނަޝީދު މަސައްކަތް ފެއްޓެވީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖޭޕީގެ ލީޑަރު ގާސިމް ވެރިކަމަށް ގެނައުމަށެވެ. މިއީ ގާސިމް ވެރިކަމަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ފުރުސަތު ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކުގައި މަޝްވަރާތަކެއް ވެސް ކުރެއްވިއެވެ. ނަމަވެސް މާ ދުވަސްތަކެއް ނުވެ އެ ގުޅުންގޯސްވިއެވެ.

މި ފަހުން ގާސިމް ވިދާޅުވީ ނަޝީދު ނޫން ބޭފުޅަކު ވެރިކަމަށް ވަޑައިގަންނަވަން ނަޝީދު ބޭނުންފުޅު ނުވާނެ ކަމަށެވެ.

ގާސިމާއި ނާޒިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި ޕާޓީގެ ޓިކެޓް ވެސް ހޯއްދަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވި ނަޝީދު ވިދާޅުވަނީ މިއީ އެ މަނިކުފާނާއި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ނޫން ބޭފުޅެއް ވެރިކަމަށް ވަޑައިގަންނަވަން ފުރުސަތު ދޭން ޖެހޭ ފަހަރެއް ކަމަށެވެ.

އެމްޑީޕީން ވަކިވެ ނަޝީދު އަލަށް އުފެއްދި ޑިމޮކްރެޓްސްއާ ރަސްމީކޮށް އެ މަނިކުފާނު ގުޅިވަޑައިގެންފައިވާއިރު އެ ޕާޓީއިން ވެސް ވަނީ ރިޔާސީ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލަން ނިންމައިފައެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ނަމަވެސް އިދިކޮޅުން ބުނަމުން އަންނަނީ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އެންމެ ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުން ގެންދަވަނީ ރައީސް ޞާލިޙެވެ. އެ މަނިކުފާނު ގެންދަވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަޑައިގަންނަވަމުންނެވެ. އެ މަނިކުފާންގެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

comment ކޮމެންޓް