ކީރިތި މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލަޢިހި ވަސައްލަމް، މައްކާ ދޫކުރައްވާ މަދީނާއަށް ކުރެއްވި ހިޖުރައިން ދޭހަވަނީ ކިތަންމެ އުނދަގޫ ހާލަތަކާ ބައްދަލުކުރަން ޖެހުނު ނަމަވެސް އެ ކަމެއް ކާމިޔާބު ވާނެކަން ކަމަށް، މޯލްޑިވްސް ޑިވޮލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ހިތާބުގައި ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނާއި އެންމެހައި މުސްލިމުންނަށް އަރިސްކުރައްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ހިޖުރައިގެ ހާދިސާއަކީ ސަބަބުތަކުގައި ހިފައި، ކޮންމެ ކަމެއްގައި ވެސް، މާތްﷲ އަށް ވަކީލު ކުރުމުގެ މުހިއްމުކަން ދަސްކޮށްދޭ ވަރަށް މުހިއްމު ފިލާވަޅެއް ކަމަށެވެ. އަދި، ކިތަންމެ އުނދަގޫ ހާލަތަކާ ބައްދަލުކުރަން ޖެހުނު ނަމަވެސް ހިތްވަރާ އެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެކަން ދައްކައިދޭ އަލިގަދަ ދަލީލެއް ކަމަށް ވެސް ހިތާބުގައި ވެއެވެ.
"މިއަދު އަޅުގަނޑުމެން މުސްލިމުންގެ އަދަދު ކިތަންމެ ގިނަ ނަމަވެސް މުސްލިމުންނަށް ދިމާވެފައިވާ ގޮންޖެހުންތައް އިންތިހާއަށް ގިނަގުނައެވެ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އިސްލާމް ދީނުގެ އަދުއްވުން އަޑީގައި ތިބެ، ދީނުގެ އުސޫލުތައް މުގުރާލައި، ފިތުރަތުގެ ގާނޫނާ ހިލާފު ހަރާމް ކަންތައްތައް ހަލާލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ، ވަރަށް ނުރައްކާތެރި އަމަލުތަކެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަ ކުރައްވައިފައެވެ.
"ހަމަ އެއާ އެކު، ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުމުގެ ނުރައްކާތެރި އަމަލުތައް ފެތުރުމަށް ބަޔަކު ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިއީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާ ވަރަށް ނުރައްކާތެރި އަމަލު ތަކެކެވެ،" ސިޔާމް ވިދާޅުވިއެވެ.