އިގްތިޞާދު ދެ ގުނަވާނެކަމަށް ވިދާޅުވި ފޯމިއުލާ ރައީސް ހާމަކޮށްދެއްވައިފި

ރައީސް ހއ. ހޯރަފުށީގައި -- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ އިގްތިޞާދު ދެ ގުނަވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވި ވާހަކަފުޅުގައި، އިގްތިޞާދު ދެގުނަ ވާނެ ކަމަށް ވިދާޅުވާ ސަބަބު ހާމަކޮށްދެއްވައިފިއެވެ.

ހއ. އަތޮޅަށް ރައީސް ޞާލިހު ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި އެންމެ ފުރަތަމަ އެ މަނިކުފާނު ވަޑައިގަތީ ހޯރަފުއްޓަށެވެ. އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިގްތިޞާދު ދެގުނަ ވާނެ ކަމަށް ވިދާޅުވީ 2028ވަނަ އަހަރާ ހަމައަށް އަންނައިރު އަމާޒަކީ ތިން މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުން ކަމަށެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް އެއްކޮށް ނިމުމާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީވުމުން އިގްތިޞާދު ދެގުނަކުރުމުގެ އަމާޒަށް ވާސިލްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"2028 އާ ހިސާބަށް އަޅުގަނޑުމެން އަމާޒު މި ޖަހަނީ އިރާދަކުރެއްވިއްޔާ ރާއްޖެއަށް ތިން މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ދައްްޗެއް ނެތި އަންނާނޭ. އިގްތީޞާދު ޑަބަލްކުރާ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އެއާ އެކީގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަޞައްވުރެއް ނުވަތަ ޕްލޭނެއް އޮވެގެން ވެރިކަން ކުރާނަމަ ނަތީޖާ ރަނގަޅުވާނެކަމަށެވެ.

"ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން އިތުރު ފަސް އެއާޕޯޓެއްގެ މަސައްކަތް ފަށާނެކަމަށެެވެ. ރައީސް ވިދާޅުވީ އެ ފަސް އެއާޕޯޓުގެ މަސައްކަތް ނިމުމުން ދެން ރާއްޖޭގައި އިތުރަށް އަަޅާ އެއާޕޯޓު މަދުވާނެކަމަށެވެ.

މިއީ ހޯރަފުއްޓަށް ވަޑައިގެންނެވޭ ފަސްވަނަ ފަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށަށް އަންނަ ބަދަލުތަކުގެ ވާހަކަ ރަށު ކައުންސިލާއި، ދާއިރާގެ މެމްބަރަށް އެނގިލައްވާނެކަމަށެވެ. ރައީސް ވިދާޅުވީ ހޯރަފުއްޓަށް އަންނަ ހެޔޮ ބަދަލަކީ މުޅި ބޮޑޮޮތިލަދުންމައްޗަށް ގެނެވެ ބަދަލެއް ކަމަށެވެ.

"ރައްޔިތުން އެ ކަން ގަބޫލުކުރާކަމުގެ އިހުސާސް މިއަދު ކުރެވޭ. އެ އުފާ އަަޅުގަނޑަށް ލިބޭ،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް ހޯރަފުއްޓަށް ރައީސްގެ ވައުދުފުޅުތައް:

  • ރޯ ހައުސް ނުވަަތަ ފްލެޓު އަޅައިދިނުން
  • ހޮސްޕިޓަލް އަޅައި ނިންމާނެ

"ތިޔަ ބޭފުޅުން ނުވައެއް ސެޕްޓެމްބަރުގައި ނިންމަވާނީ ކިހިނެއްތޯ. ކުރިއަށް ވަޑައިގަންނަވައްޗޭ. ކުރިއަށް ވަޑައިގަންނަވާ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

"ދަންނަވަންތޯ. ކޮވިޑު ތެރޭގައި އަޅުގަނޑުމެންނަށް ހާދަ ދައްޗެއް ކުރިމަތިވިއޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފާއި، އެމްޑީއޭގެ ނައިބު ރައީސާ ޑރ. އައިޝަތު ރަފިއްޔާ ގެ އިތުރުން އަދާލަތު ޕާޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ހއ. އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ދެ ދުވަސްތެރޭ ރައީސް 10 ރަށަކަށް ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް