ސުއަރޭޒް، އިންޓަ މަޔާމީއާ ގުޅުމާ ގާތަށް

އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ބާސާގެ ޖާާޒީގައި -- ފޮޓޯ/ ގެޓީ

ބާސެލޯނާގެ ކުރީގެ ފޯވަޑް ލުއިސް ސުއަރޭޒް، އެމެރިކާގެ އިންޓަ މަޔާމީއާ ގުޅުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީއާ މިހާރު ގުޅިފައިވާ ލިއޮނެލް މެސީގެ ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އުރުގުއާއީ ފޯވަޑް ސުއަރޭޒް މިހާރު ކުޅެމުންދަނީ ބްރެޒިލްގެ ގްރެމިއޯ އަށެވެ.

މެސީއާއެކު އިންޓަ މަޔާމީއަށް ސޮއިކޮށްފައިވާ ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސްއާއެކު ވެސް ބާސާއަށް ސުއަރޭޒް ކުޅުނެވެ. ބާސާގައި އެންމެ ނުރައްކާތެރި އެއް ފޯވަޑް ލައިން އޮތް އިރު، މެސީއާއެކު ސުއަރޭޒަކީ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މެސީ އާއި ސުއަރޭޒްގެ އިތުރުން އޭރު ބާސާގެ ފޯވަޑް ލައިނުން ދެން ފެނިގެން ގޮސްފައިވަނީ ބްރެޒިލް ތަރި ނޭމާއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މެސީއާއެކު އިންޓަ މަޔާމީއަށް ކުޅެން ސުއަރޭޒް ބޭނުންވެ، އެ ކްލަބާއެކު ދަނީ މަޝްވަރާތައް ކުރަމުންނެވެ. އިންޓަ މަޔާމީއަށް ސުއަރޭޒް ގެންދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އޭނާގެ ގާތް އެކުވެރިޔާ މެސީ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މެސީ އާއި ބުސްކެޓްސް އަދި ސުއަރޭޒާއެކު ބާސާގައި ގިނަ ކާމިޔާބީތަކެއް ހޯދި ސްޕެއިން ޑިފެންޑަރު ޖޯޑީ އަލްބާ ވެސް ވަނީ އިންޓަ މަޔާމީއާ ގުޅުމަށް އެއްބަސްވެފައެވެ. ނަމަވެސް އެކަން އިންޓަ މަޔާމީން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް