އައިއޯއައިޖީގައި ވާދަކުރާ ގައުމީ ޓީޓީ ޓީމު އިއުލާންކޮށްފި

އައިއޯއައިޖީ 2019 ގައި ޓީޓީ ޑަބަލްސް އިވެންޓުގައި ރަން މެޑަލް ހޯދި އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީ --- ފޮޓޯ/ އެމްއޯސީ

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް ޓީމު އިއުލާންކޮށްފިއެވެ.

އަންނަ މަހުގެ ފަހުކޮޅު މަޑަގަސްކަރަގައި ފަށާ އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ޓީޓީ ޓީމުގައި ހިމެނެނީ ހަ ފިރިހެން ކުޅުންތެރިންނާއި ހަ އަންހެން ކުޅުންތެރިންނެވެ.

ގައުމީ ޓީޓީ ޓީމުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، ޖުމާނާ ނިމާލް، ލައިސާ ފަތުހުﷲ އިސްމާއިލް، އާމިނަތު ޝިއުރާ އަދި މިޝްކާ މުހައްމަދެވެ. އޭގެ ތެރެއިން ދީމާ އާއި ރަފާ އަދި ޖުމާނާއަކީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ރާއްޖެއަށް މެޑަލްތައް ހޯދައިދިން ކުޅުންތެރިންނެވެ.

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީޓީ ކުޅުންތެރިންނަކީ މުންސިފް އަހުމަދު، އަހުމަދު ތާބިން ޝުޖާއު، ޒީކް ހަސަން، މުހައްމަދު ޝައްފާން އިސްމާއިލް، ޒީސްތު ނަސީމް އަދި އަޚްޔާރު އަހުމަދެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދޭ ކުޅިވަރަކީ ޓީޓީއެވެ. މިދިޔަ އަހަރުގެ އިތުރުން 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ވެސް ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ ތިން ރަން މެޑަލް އާއި ދެ ރިހި މެޑަލް ހޯދައިފައެވެ. މިފަހަރުގެ މުބާރާތުގައި ވެސް ޓީޓީއަށް އުންމީދުތަކެއް ކުރެވޭ އިރު، އެންމެ ބޮޑު އުންމީދެއް އޮތީ ދީމާ އާއި ރަފާއަށެވެ.

comment ކޮމެންޓް