މަނާގެ ފާއިޒްގެ މި ހިތްގައިމު ކުރެހުންތައް ކިޔައިދެނީ މާލޭގެ އިހުގެ ތާރީޚު

މަނާގެ އަބްދުﷲ ފާއިޒްގެ "ޖާނީ" މައުރަޒު ހުޅުވުން. ފާއިޒް (ވ) --

ކުރެހުންތެރިންގެ ކުރެހުންތައް ދައްކައިލުމަށް ބާއްވާ ޚާއްސަ މައުރަޒުތައް ވަރަށް ވެސް ގިނައެވެ. އެފަދަ އެތައް މައުރަޒެއް މާލޭ އާޓް ގެލެރީގައި ބާއްވައެެވެ. މާލޭ، މަނާގެ އަބްދުﷲ ފާއިޒްގެ "ޖާނީ"އަކީ ވެސް ޚާއްސަ މައުރަޒެކެވެ. މިއީ އޭނާގެ މަސައްކަތް އާންމުންނަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ.

ފާއިޒް ވިދާޅުވީ އޭނާއަކީ އެންމެ ކުޑައިރުއްސުރެ ވެސް ކުރަހަމުން އައި މީހެއް ކަމަށެވެ. ނަމަވެސް އެގްޒިބިޝަނެއް ބާއްވައި އޭނާގެ ކުރެހުންތައް ވިއްކުމުގެ ޚިޔާލަކީ މީގެ ކުރިން އޭނާ ގެންގުޅުއްވި ޚިޔާލެއް ނޫންކަމަށް ފާއިޒް ވިދާޅުވިއެވެ. އެހެންވެ، އެންމެ ކުރީއްސުރެެ ވެސް ކުރެހި ކުރެހުންތައް ފޮރުވައިފައި ބެހެއްޓީއެވެ.

"ދެން އެކަމަކު ވަކި ހިސާބަކުން އަޅުގަނޑުމެންގެ ރައްޓެހިންނާއި ތިމާގެ މީހުންނާއި ގޭ މީހުންނާ، މިހާ ގިނަ އެއްޗެހި އޮތް އިރު އެގްޒިބިޝަނެއް ބާއްވަން ވީނޫންހޭ، މި ޚިޔާލު އައިސްގެން ގޮސްފައި ދެން އެކަމަށް މަސައްކަތްކުރަމުން އައިސް އޭގެ ރިޒަލްޓް ތި ފެނިވަޑައިގަންނަވަނީ،" ފާއިޒް ވިދާޅުވިއެވެ.

މަނާގެ އަބްދުﷲ ފާއިޒްގެ މައުރަޒުގައި އޭނާގެ ކުރެހުންތަކެއް -- ސަން ފޮޓޯ/ މާހިލް އާތިފް

އަބަދު ވެސް އާސާރީ ތަންތަން ބަލައި، ތާރީޚު ދެނެގަތުމަކީ ފާއިޒްގެ އާދައެކެވެ. އެއީ އޭނާ ލޯބިކުރައްވާ ކަމެކެވެ. ފާއިޒްގެ ކުރެހުންތަކުން ވެސް ހާމަކޮށްދެނީ އެކަމެވެ. އުފަން އަމިއްލަ ރަށުގެ ތާރީޚު ހާމަވާ އެތައް ކުރެހުމެއް މި މައުރަޒުގައި ބެހެއްޓިފައިވެއެވެ.

"ތި އުމުރުގެ ބޭފުޅުންނަށް އެ ތަންތަން ފެނިވަޑައިގެންފައެއް ވެސް ނުހުންނާނެ. މީގެ ތެރެއިން ބައެއް ތަންތަން އެއީ އަޅުގަނޑުމެން ވެސް ނުދެކޭ ތަންތަން،" ޒުވާން އުމުރުގެ ކުދިންނަށް އިޝާރަތްކުރައްވަމުން ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ ކުރެހުމަކީ އޭނާގެ 'ޕެޝަނެއް' ކަމަށެވެ. އުފަލަށް ޓަކައި ކުރަމުން އައި މިކަމުގެ ތެރެއިން ކުލަޖެހުނީ ކަޅާއި ހުދުން ކުރެހިފައިވާ ތާރީޚުގެ މަންޒަރުތަކެއްގައެެވެ.

"ދެން މިހާރުގެ ޖީލުތަކުގެ ޒުވާނުންނަށާއި މި ހުރިހާ ޚާއްސަކޮށް ކުރެހުމަށް ލޯބިކުރާ ފަރާތްތަކާއި ކުރެހުންތެރިންނަށް އިބްރަތަކަށް ވާނެ ގޮތަށް އަޅުގަނޑު މި ކަން މިކުރަނީ،" ފާއިޒް ވިދާޅުވިއެވެ.

ފާއިޒް އޭނާގެ ކުރެހުންތަކާ ގުޅޭގޮތުން "ސަން"އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ

ފާއިޒްގެ ކުރެހުންތަކާއެކު މި މައުރަޒު ހުޅުވުން އޮތީ މިއަދު ހަވީރެވެ. ކުރިއަށް އޮތް 10 ދުވަހަށް، މި މަހުގެ 28ގެ ނިޔަލަށް މި މައުރަޒުގެ ކުރެހުންތައް އާންމުންނަށް ދައްކައިލުމަށް ބަހައްޓައިފައި ހުންނާނެއެވެ. މީގެ އިތުރުން ކުރެހުންތައް ގަތުމުގެ ފުރުސަތު އެކަން ކުރަން ބޭނުންވާ މީހުންނަށް ވެސް އޮންނާނެއެވެ.

މައުރަޒު ހުޅުވުމަށް މިއަދު އޮތް ހަފްލާގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުގެ އިތުރުން ދާއިރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން ޖަޕާނާއި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ތިއްބަވާ ސަފީރުން ވެސް ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް