މިސްރާ އެކު ސިޔާސީ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން ބާއްވައިފި

ރާއްޖެ އާއި މިސްރާ ދެމެދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ އާއި މިސްރާ ދެމެދު ބާއްވާ ސިޔާސީ މަޝްވަރާ ބައްދަލުވުމުގެ ބައިލެޓަރަލް ޕޮލިޓިކަލް ކޮންސަލްޓޭޝަންސްގެ ދެވަނަ ބުރު މިދިޔަ އާދިއްތަ ދުވަހު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްއެވެ. މިސްރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިސްރުގެ ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް މިނިސްޓާ ފޯ އޭޝިއަން އެފެއާޒް، ހިޒް އެކްސަލަންސީ އައިމަން ކާމިލްއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިގްތިސާދާއި، ވިޔަފާރި އާއި، ފަންނީ އެހީތެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން ސަގާފަތާއި ސިއްހީ ދާއިރާގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ތައުލީމާއި ޒުވާނުންނާއި ކުޅިވަރުގެ އިތުރުން މޫސުމަށް އަންނަ ބަދަލު ތަކާއި ތިމާވެށީގެ ނާޒުކުކަމާއި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ސަލާމަތާއި ބައިނަލްއަގްވާމީ ފެންވަރުގައި ދެ ގައުމަށް ހައްސާސް އެހެނިހެން ދާއިރާ ތަކުން ގުޅިގެން ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް އެއްބަސްވެފައި ވެއެވެ.

އަންނަ އަހަރަކީ ރާއްޖެއާއި މިސްރާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރޭ އަހަރުކަން ފާހަގަކޮށް ދެ ގައުމުން ވަނީ އަންނަ އަހަރު އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައެވެ.

އެގޮތުން މި މުނާސަބާ ފާހަގަކުރުމަށް ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ ދަތުރުތަކެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކޮށް އިމާމުލްއަކްބަރު ޝައިޚުލްއަޒްހަރު، ހިޒް އެކްސަލަންސީ ޕްރޮފެސަރު ޝައިޚް އަޙުމަދު އައްޠައްޔިބް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވެއެވެ.

މި ބައްދަލުކުރުމުގައި ދެ ގައުމުން ވަނީ ވިޔަފާރީގެ ޖަމިއްޔާތަކާއި ޕާލިމަންޓަރީ ފްރެންޑްޝިޕް ގްރޫޕްތަކާއި އެކުވެރިކަމުގެ ޖަމިއްޔާތައް ފަދަ މުއައްސަސާތައް ރާއްޖެއާއި މިސްރާ ދެމެދު ގާއިމުކުރުމަށް ނިޒާމެއް އޮތުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ.

ރާއްޖެއިން ވަނީ މިސްރާ ދެމެދު ޕާލިމަންޓަރީ ފްރެންޑްޝިޕް ގްރޫޕެއް ރައްޔިތުންގެ މަޖިލީހުގައި ގާއިމުކުރުމުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަން ފާހަގޮށްފައެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި މުޢާމަލާތް ކުރެވޭނެ މަގު ފަހިކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

comment ކޮމެންޓް