ރަނިންމޭޓެއްގެ ވާހަކައެއް އޭނާ ނުވެސް ދައްކާ ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް އުޅުއްވަނީ އޮޅިވަޑައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސާ މިހެން ވިދާޅުވީ ފައްޔާޒު މިއަދު ކުރެއްވި ޓްވީޓަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވެ.
ފައްޔާޒު ވިދާޅުވީ އޭނާ ރަނިންމޭޓަކަށް ވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ކޮންމެ ވެސް ސަބަބަކާއި ހުރެ، ވާހަކަ ދައްކަވަނީ ރީކޯ މޫސާ މަނިކު ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙުގެ ރަނިންމޭޓަކަށް ވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
ފައްޔާޒުގެ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ރީކޯ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނަވަން ވާނީ އާންމު މެންބަރުންނާ ޒާތީނުވެ, ޕާޓީގެ މެންބަރުންނާއިއެކު އުޅެވޭނެ މީހެއް ކަމަށެވެ.
ރީކޯ، އިތުރަށް ވިދާޅުވީ ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތަނުގައި އޭނާ އާއި ދިމާކުރުމަކީ ފައްޔާޒް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ފައްޔާޒު އުޅުއްވަނީ އޮޅިވަޑައިގެން. ކަނޑައެޅިގެން ދޮގު ވާހަކަ ނުފަތުރާ،" ރީކޯ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓަކަށް ނައިބު ރައީސް ފައިސަލް ނަސީމް އާއި
ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު، އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާދަކުރައްވަމުން ގެންދަވާ ކަމަށް ވަނީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައެވެ.
ވ. ފުލިދޫގައި އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ ރަނިންމޭޓަކަށް ވަކި ބޭފުޅަކު ކަނޑައަޅުއްވާފައި އަދި ނުވާ ކަމަށާއި އެ ބޭފުޅަކީ ކޯލިޝަންގެ ބޭފުޅަކަށް ވެސް ވެދާނެ ކަމަށެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ އެ މަނިކުފާނު އެންމެ ބޮޑަށް މިހާރު ވިސްނަވަމުން ގެންދަވަނީ ރަނިންމޭޓެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން ވަކިވަކިން ޕާޓީގެ އިސް ބޭފުޅުންނާ ވެސް ވާހަކަދައްކަވަމުން އެބަ ގެންދަވާ ކަމަށެވެ.