25 އަހަރަށް ފަހު، ފިލްމެއްގެ ލީޑު ރޯލެއްގައި ރީކޯ މޫސަ

ރީކޯ: އޭނާ ފިލްމެއްގެ ލީޑު ރީލެއް ކުޅޭނެ ކަން އިއުލާނުކުރީ 25 އަހަރަށް ފަހު --- ފޮޓޯ/ އެޓޯލް ޓައިމްސް

ދިވެހީންގެ ތެރޭގައި އެންމެ މަޝްހޫރު އެއް އެކްޓަރު މޫސާ މަނިކު (ރީކޯ މޫސަ) 25 އަހަރަށް ފަހު، ފިލްމެއްގެ ލީޑު ރޯލަކުން ފެންނާނެކަން މިއަދު ހާމަކޮށްފިއެވެ.

އަހަރުތަކަކަށް ފަހު، ރީކޯ ލީޑު ރޯލެއް ކުޅެނީ އަންނަ މަހު އަޅުވާ ފިލްމު 'ކީއްވެ'އިންވެ.

މި ފިލްމު ޑައިރެކްޓު ކުރަނީ، އެންމެ މަޝްހޫރު އެއް ޑައިރެކްޓަރު އީސާ ޝަރީފެވެ. މިއީ އީސަ ވެސް 22 އަހަރަށް ފަހު، ފިލްމީ ދާއިރާއަށް ކޮށްދޭ ފުރަތަމަ މަސައްކަތެވެ. އޭނާއަކީ، ރީކޯ ލީޑު ރޯލުން ފެނުނު 'ފަތިސް ހަނދުވަރު'ގެ ވެސް ޑައިރެކްޓެރެވެ.

ފިލްމު ފަތިސް ހަނދުވަރުގެ ޕޯސްޓަރެއް ---

ރީކޯއާއެކު، ފިލްމު ކީއްވެގެ ލީޑު ރޯލުން ދެން ފެންނާނީ ޝީލާ ނަޖީބެވެ. އިތުރު ރޯލަކުން އަލީ ޝަމީލާއި މަރިޔަމް ނިޝާ ފެންނާނެއެވެ.

އެ ފިލްމުގެ ރަސްމީ ޕޯސްޓަރު އާންމުކުރީ މިއަދު ކަމަށްވާއިރު، މިއީ އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި، މި ފިލްމުގެ އެގްޒެކްޓިވް ޕްރޮޑިއުސަރުންނަކީ ހުސައިން ނޫރައްދީން އާއި ޢަލީ ޝާނިޒްގެ އިތުރުން މުނައްވަރެވެ.

މި ޕޯސްޓަރު އާންމުކުރުމާއެކު، ގިނަ ބައަކު ވަނީ ފިލްމު ބަލަން ކެތްމަދުވެފައެވެ. އެއީ، ރީކޯމެން ފަދަ މަޝްހޫރު އެކްޓަރުން ތަކެއް އަލުން ފިލްމަކުން ފެންނާތީއެވެ.

ވަރުގަދަ ހަތަރު ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމުގެ ގިނަ މައުލޫމާތު ފިލްމުގެ ޓީމުން އަދި ހާމައެއް ނުކުރެއެވެ.

އަންނަ މަހު 25ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރާ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ވަނީ ނިންމާފައެވެ.

comment ކޮމެންޓް