ކައުޝި ފިލްމްގެ ޕްރިމިއާއަށް ފިލްމްގެ ލީޑް ކާސްޓުން ރާއްޖެ އަތުވެއްޖެ

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އޮލިޕްމަސް ސިނަމާގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކައުޝި ފިލްމްގެ ޕްރިމިއާގައި ބައިވެރިވުމަށް ފިލްމްގެ ލީޑް އެކްޓަރު އަމިލަ ކަރުނަޔަކަ އާއި ފިލްމްގެ ލީޑް އެކްޓްރެސް ރަންގި ރާޖަބަކްޝާ ރާއްޖެ އަތުވެއްޖެއެވެ.

އަވައްޓެރި ސްރީލަންކާގެ ސިންހަޅަ ފިލްމްތައް ކުޅެމުން އަންނަ އަމިލަ އާއި ރަންގި ރާއްޖެ އައިސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ދެފަންނާނުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައި ވަނީ ފިލްމްގެ ޑައިރެކްޓަރު ޢަލީ ސީޒަންއެވެ.

ސީޒަން ބުނި ގޮތުގައި ކުލަގަދަ ރަސްމިއްޔާތަކާއި އެކު ކައުޝި ޕްރިމިއާ ކުރުމުގެ ހަފްލާގެ ތައްޔާރީތައް ކުރިއަށް ދާއިރު މި އިވެންޓްގައި ދިވެހި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ބައިވެރިވާނެއެވެ.

ކައުޝި ގެ ޓިކެޓް މިހާރު އޮލިމްޕަސް ސިނަމާއިން ވިއްކަމުން ދާއިރު ފިލްމްގެ ނޯމަލް ޓިކެޓްގެ އަގަކީ 150 ރުފިޔާއެވެ. އަދި ގޯލްޑް ޓިކެޓްގެ އަގަކީ 200 ރުފިޔާއެވެ.

ކައުޝީ އަކީ ސިންހަޅަ ފިލްމް ސްޓާރުން ހިމަނައިގެން ސްރީލަންކާގައި ޝޫޓް ކޮށްފައިވާ ފިލްމެވެ. މި ފިލްމްގެ މަންޒަރުތައް ނަގާދީފައިވަނީ ރާއްޖޭގެ ޒުވާން ކެމެރާމަން ޝިވާޒް ޢަބްދުﷲ (މާސްކޭ)އެވެ. ފިލްމްގެ ބެކް މިއުޒިކް ހަދައިދީފައިވަނީ އައްޔުމަން ޝަރީފެވެ.

މި ފިލްމްގެ ޝޯވް ތައް މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމަޔަށް އޮލިޕްހުގައި ކުރިއަށް ދާނެއެވެ. 7458800 ނަމްބަރަށް ވައިބަރ ކޮށްގެންވެސް ޓިކެޓް ގަނެވޭނެ ކަމަށް އެސް ޕްރޮޑަކްޝަންސް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް