ނ. މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތަކާއި އެކަމަޑޭޝަން ބްލޮކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ކަސްޓަމްސް ބިލްޑިންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކުރީ 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު ޖެނެރަލް އަބްދުﷲ ޝަރީފެވެ. އަދި ފިއުޗާ ހޯމްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އަލީ އަބްދުﷲ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ މާފަރުގައި ކަސްޓަމްސްގެ ޚިދުމަތް ދެމުންދަނީ ވަރަށް ދަތި އުނދަގޫ ގޮތަކަށް ކަމަށެވެ. އަދި އެރަށުގައި އެކަމަޑޭޝަނާއެކު ކަސްޓަމްސްގެ އޮފީހެއް ހުޅުވުމުން ޚިދުމަތްދިނުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު މާފަރުގައި ކަސްޓަމްސްގެ ޚިދުމަތްދެނީ ފަސް އަހަރަށް ކުއްޔަށް ހިފާފައިވާ އިމާރާތެއްގައެވެ.
ޝަރީފް ވިދާޅުވީ މިހާރު މާފަރުގައި މަސައްކަތް ކުރަނީ އެރަށަށް ޚާއްސަކޮށް ނަގާފައިވާ މުވައްޒަފުން ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އިތުރު މުވައްޒަފުން ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޚާއްޞަކޮށް ޕްރައިވެޓް ޖެޓް ނިސްބަތުން އިތުރުވަމުން ދަނީ. އެހެންވީމަ ކުރިއަށް އޮތްތަނުގައި ވެސް އަދި ޚާއްޞަކޮށް އެއާޕޯޓްގެ އެކްސްޓެންޝަން މަސައްކަތާއެކީގައި އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތްގޮތުގައި ޝެޑިއުލް ފްލައިޓްތައް ވެސް ޖައްސާކަހަލަ ގޮތަކަށް ވިސްނުން އޮތީ. އެހެންވީމަ މިހާރު އެތިބަ އޮފިސަރުން މަދުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަރީފް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ނ. އަތޮޅާއި މުޅި ރާއްޖޭގެ ތަރައްގީއާ ގުޅިފައިވާ އެއާޕޯޓެއް ކަމަށެވެ. އެހެންކަމުން ކަސްޓަމްސްގެ ޚިދުމަތް ލުއިފަސޭހަކޮށް ލިބުމަކީ އެ ސަރަހައްދުގެ ތަރައްގީއަށް ލިބޭނެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.