މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސްއިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަނީ

އެމްޕީއެލް ސަރަހައްދު: މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސްއިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަނީ --- ސަން ފޮޓޯ/ އަހްމަދު ސަދޫފް މޫސާ

މުދަލުގެ އަގު ކަނޑައެޅުމަށްޓަކައި ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށްވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ހައްލުކޮށްދިނުމަށް ހަރުދަނާ އުސޫލުތަކެއް މިއަދުން ފެށިގެން ގާއިމުކުރެވޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ރޭ ބުނެފިއެވެ.

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އަޑުއެއްސެވުމަށް އެ ވިޔަފާރިތަކާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށްވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ހައްލުކޮށްދިނުމަށް އެދި ވިޔަފާރިވެރިން، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވެއެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ހައްލުކުރުމަށްޓަކައި މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސްއިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) "އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" އާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލުކަމަށް ބަލާނީ، އެ މުދަލެއްގެ މުއާމަލާތުގެ އަގު ނުވަތަ "ޓްރާންސެކްޝަން ވެލިއު" އަށް ބަލައިގެން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ ވެރިފައިބަލް ލިޔެކިޔުމާއެކު މުދަލުގެ އަގު ކަނޑައެޅުމަށް ކަސްޓަމްސްއަށް ހުށަހެޅުމުން އެ އަގު ގަބޫލުކުރާނެ ކަމަށެވެ. އަދި ވެރިފައަބަލް ލިޔެކިޔުން ހުށަހަޅާފައި ނުވާނަމަ އެގްރީމަންޓަށް ރިޔާއަތްކޮށް ކަސްޓަމްސްއަށް ހުށަހެޅި އަގު، 25 އިންސައްތައަށް ވުރެ ބޮޑުކުރަން ޖެހިއްޖެނަމަ، ވެރިފަރާތުން އެދިފައި ނުވި ނަމަވެސް އެ މުދަލާ ގުޅޭ ގޮތުން ކަސްޓަމްސްއިން އިތުރު ބެލުންތައް ބަލާނެ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.

އަދި ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުހަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ މަރުހަލާއެއް މިއަދުން ފެށިގެން ގާއިމުކުރާނެކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ހަމައެއާއެކު ބަދަލުކުރާ އަގު، ހުށަހެޅި އަގުގެ 25 އިންސައްތަ ކުޑަނަމަ، މިހާރުވެސް އަމަލުކުރާ އުސޫލުން ތިން މަރުހަލާއެއްގައި، އެ އަގު ރިވިއުކޮށްދިނުމަށް ރިކުއެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.

https://sun.mv/215811

ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ކަސްޓަމުން މުދާ ކްލިއާކުރުމާ ބެހޭ ގޮތުން ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުމަށް ވެސް ހައްލެއް ގެނެސްދެއްވައިފައެވެ. އެގޮތުން ރައީސް ވަނީ މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ރާއްޖެއަށް މުދާ އެތެރުކުރުމުގައި ހޭދަވާ ޑޭމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު، މިދިޔަ ހަފްތާގައި ކަސްޓަމްސްއިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ނިންމާފައެވެ.

އަދި، މަޝްރޫއުތަކަށް ޑިއުޓީ މައާފުކޮށް ގެންނަ އުޅަނދުތަކުގެ މަސައްކަތް ނިމުމަށްފަހު ވިޔަފާރި އުސޫލުން ބޭނުންކުރާ ފަރާތްތަކާމެދު މިއަދުން ފެށިގެން ފިޔަވަޅު އެޅުމަށް ވެސް ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނެއްގައި އިންޒާރުދީފައިވެއެވެ. އިމްޕޯޓް ޑިއުޓީ ނުދައްކައި އެކި ފަރާތްތަކަށް ކުއްޔަށް ދީ ގަވާއިދާ ޚިލާފަށް އުޅަނދު ބޭނުންކުރަމުންދާނަމަ، އެއުޅަނދުތައް ހޯދައި ކަސްޓަމްސްގެ ކޮންޓްރޯލް ދަށަށް ގެންނާނެ ކަމަށް ބުނެފައިވެއެވެ. އަދި، މިއަދުން ފެށިގެން އެ އުޅަނދުތަކުން ޑިއުޓީ ނެގުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ވެސް އެމުއައްސަސާއިން ބުންޏެވެ.

comment ކޮމެންޓް