މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ މަތީ މަރުހަލާގެ ކޯޓުތަކުން ނިމެންދެން މިއަހަރުގެ ރިޔާސީ އިންތިޚާބު ފަސް ކުރުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ރޭ ގޮވާލައިފިއެވެ.
ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލަ، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ މުއްދަތު އޮއްވައި ނިންމައި ދިނުމަށް ޕީޕީއެމް، ޕީއެންސީން އަންނަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.
މި މައްސަލައިގެ ކަންބޮޑުވުމުން ފާޅު ކުރައްވާ އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށެވެ.
އެހެންވެ، ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް އަދުރޭ ގޮވައިލެއްވިއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ބަންދުވާނެއެވެ. ޔާމީންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ އެ އިންތިޚާބުގައި ކުރިމަތިލުމަށް އޮތް ހުރަހަކަށް ވާނެއެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވިޔަސް އެމަނިކުފާނުގެ ރިޔާސީ ކެންޕޭން ރަސްމީކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ވަނީ ފަށާފައެވެ. އަދުރޭ ވިދާޅުވެފައި ވަނީ ހައި ކޯޓުގައި އޮތް މައްސަލަ ނިންމާއިރު، ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އިދިކޮޅަށް އެބައޮތް ކަމަށެވެ.