ކްރައިމިޔާ ބްރިޖަށް ހަމަލާދިނީ ޔުކްރެއިނުން: ރަޝިއާ

ކްރައިމިޔާ ބްރިޖަށް ހަަމަލާތަކެއް ދީފައި

މޮސްކޯ (17 ޖުލައި 2023): އަޒޯފް ކަނޑު ހުރަސްކޮށް ރަޝިއާއާއި ކްރައިމިޔާ އާ ދެމެދު ބިނާކޮށްފައިވާ ބްރިޖަށް ޔުކްރެއިނުން ދިން ހަމަލާތަކެއްގައި ދެ މީހުން މަރުވުމާ ގުޅިގެން އެބުރިޖް ބަންދުކޮށްފިއެވެ.

ރަޝިއާގެ "ތާސް" ނޫސްއެޖެންސީ ބުނާގޮތުން ޔުކްރެއިނުން ކްރައިމިޔާ ބްރިޖަށް ހަމަލާދިނީ ދެ ޑްރޯން ބޭނުންކޮށްގެންނެވެ. އެހަމަލާތަކުގައި ދެ މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވިއެވެ.

ކްރައިމިޔާގެ ގަވަރުނަރު ސަރްގީ އެކްސިޔޮނޯވް ވިދާޅުވިގޮތުގައި ޔުކްރެއިނުން ދިން ޑްރޯން ހަމަލާތަކެއްގައި ކްރައިމިޔާ ބްރިޖަށް ގެއްލުންތަކެއްވަނީ ލިބިފައެވެ. މިއާއެކު ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ގެންދަނީ ބްރިޖަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުންނެވެ. ގެއްލުންތައް ބެލުމަށްފަހު މަރާމާތުކޮށް އަލުން ބްރިޖް ހުޅުވާނެކަމަށް އެކްސިޔޮނޯވް ވިދާޅުވިއެވެ.

ކްރައިމިޔާ ބްރިޖަށް ޔުކްރެއިނުން ދިން ހަމަލާ ރަޝިއާއިން ސިފަކޮށްފައިވަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. ކްރައިމިޔާއަކީ ކުރިން ރަޝިއާގެ ސަރަހައްދެކެވެ. ސޮވިއެޓް ޔުނިޔަންގެ އިއްތިހާދީ ވެރިކަމުގައި ޔުކްރެއިން އާއި ރަޝިއާ އިއްތިޙާދީ އެއް ދައުލަތުގެ ގޮތުގައި އޮތްއިރު ސޯވިއެޓް ޔުނިޔަންގެ ޒައީމެއްކަމަށްވާ ނިކޮލައި ކްރިސްޗޮފް އެތަންވަނީ ޔުކްރެއިންގެ ތަނަކަށް ހައްދަވާފައެވެ.

ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށްފަހު އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ އިސްތިއުމާރީ ބާރުތައް ޔުކްރެއިންގެ ތެރެއަށް ނުސީދާގޮތެއްގައިވަދެގަތެވެ. ވަދެގަތީ ހުޅަނގުގެ ސަޕޯޓާއެކު ހުޅަނގަށް ތާއީދުކުރާ ބަޔަކު ޔުކްރެއިންގެ ވެރިކަން ވައްޓާލައިގެންނެވެ. ބޭނުމަކީ ރަޝިއާއަށް ޖެއްސުން ކުރުމާއި ރަޝިއާ ވަށާލުމެވެ.

ހުޅަނގުގެ ބާރުތަކަށް ތާއީދުކުރާ ޔުކްރެއިނުގެ އެކްޓިވިސްޓުން 2014 ވަނަ އަހަރު ޔުކްރެއިންއަށް ގެނައި މަދަނީ އިންގިލާބަށްފަހު ރަޝިއާވަނީ ކްރައިމިޔާއަށް އަސްކަރީގޮތުން ވަދެގަނެ އެސަރަހައްދު އަލުން ރަޝިއާގެ ބާރުގެ ދަށަށް ގެނަސްފައެވެ. ކްރައިމިޔާގެ އާބާދީގެ 80 އިންސައްތައަށްވުރެވެސް ގިނައީ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ.

ކްރައިމިޔާ އާއި ރަޝިއާއާ ދެމެދު ބްރިޖެއް ބިނާކުރީ ރަޝިއާއިންނެވެ. އެއީ އެސަރަހައްދާއި ރަޝިއާގެ މައިބައްރާ ދެމެދު އެއްގަމު މަގުން ދަތުރުކުރެވޭގޮތް ހެދުމަށެވެ. މި ބްރިޖް ބިނާކޮށްފައިވަނީ އަޒޯފް ކަނޑުގައިވާ އެންމެ ތިލަ ސަރަހައްދު ކަމަށްވާ ކްރެޗް-ޔެނިކަލޭ ކަނޑުއޮޅި ހުރަސްކޮށެވެ.

ކްރައިމިޔާއަށް ބޭނުންވާ ތަކެތި ރަޝިއާއިން ގެންދިޔުމާއި ރަޝިއާއާއި ކްރައިމިޔާ އާ ދެމެދު ދަތުރުތައް ކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ 2018 ވަނަ އަހަރު ހުޅުވި މި ބްރިޖެވެ.

ކްރައިމިޔާ ބުރިޖުގައި މިއަދު ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް ޔުކްރެއިނުންވެސް ބުނެފައިވެއެވެ. ނަމަވެސް އެބްރިޖަށް ހަމަލާދިންކަމަށް ޔުކްރެއިނުން އެއްބަސްވެފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް ކްރައިމިޔާ ބްރިޖަށް ނުރައްކާތެރި ބޮމުގެ ހަމަލައެއް ދީފައިވެއެވެ. އެ ހަމަލާތައް ދިނީވެސް ޔުކްރެއިނުންކަމަށް ރަޝިއާ ބުނެފައިވެއެވެ. ނަމަވެސް ޔުކްރެއިނުން އެކަމަށް އެއްބަހެއް ނުވެއެވެ.

މިދިޔަ އަހަރު ދިން ޙަމަލާތަކުގައި ކްރައިމިޔާ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެބްރިޖް ހުރަސްކޮށްކުރާ ދަތުރުތައް އެއްކޮށް ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. މިދިޔައަހަރުގެ ހަމަލާތަކުގައި ކްރައިމިޔާ ބުރިޖަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށްފަހު އެ ބްރިޖް އަލުން ފުލް ޚިދުމަތަށް ގެނަސްފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.

comment ކޮމެންޓް