ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް ނިންމައިލެވި އޮކްޓޯބަރު މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫ އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް ހިނގާ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތް އޭނާ ވަނީ ބައްލަވައިލައްވާފައެވެ.
އާޒިމް ވިދާޅުވީ، މިއީ މަރާމާތުގެ މަސައްކަތަކަށް ވާތީ މަސައްކަތް ކުރަން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.
"ދެ މަސައްކަތް ކުރަން މި ޖެހެނީ އެއް މަސައްކަތް ކުރަން ޖެހޭ ތަނެއްގައި. އެއީ ކުރީގައި މި ތަން ހަަދައިފައި ހުރި ގޮތުން ވަރަށް ގޯސްކޮށް މަސައްކަތްކޮށްފައި ހުރި ތަނެއްގެ ގޮތުގައި ފާހަގަކުރެވިގެންދަނީ،" އޭނާ ވިދާޅުވިއެވެ.

ގދ. ތިނަދޫ އިސްލާމީ މަރުކަޒު މަތިން ނަގައިފައިވާ ފޮޓޯއެއް -- ފޮޓޯ/ އެމްޓީސީސީ
އާޒިމް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކުރި އިރު ބޭރުގައި ޖަހައިފައި ހުރީ މުށި ކަމަށާއި އެ ކަމުގެ ސަބަބުން ވަރަށް ހޫނު ވާނެ ކަމަށެވެ. ނަމަވެސް، މިހާރު މާބްލްސްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުރިހާ ސީލިންގެއް ބަދަލުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ފާހާނާތައް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ވަގުތު އަޅުގަނޑުމެންނަށް ނުކުރެވި ހުރި އެންމެ ބޮޑު މަސައްކަތަކީ ޓެރަސްގައި ކުރަން ޖެހޭ މަސައްކަތް. އެ މަސައްކަތް ވެސް މާ ގިނަ ދުވަހެއް ނުވެ ނިންމައިލެވޭނެކަމަށް ބެލެވެނީ،" އާޒިމް ވިދާޅުވިއެވެ.
އިތުރަށް، އާޒިމް ވިދާޅުވީ އޮކްޓޯބަރު މަހު މަސައްކަތް ނިންމައިލެވި ބޭނުން ކުރެވެން ފެށި ނަމަވެސް އެއާކޮންޑިޝަން ކުރުމުގެ މަސައްކަތް ނިންމައިލެވޭނެކަމަށް ބެލެވެނީ ނޮވެމްބަރު މަހަށް ކަމަށެވެ.
"އެމްޓީސީސީން މުޅި އެއްކޮށް ތިނަދޫގައި މި ދައުރު ތެރޭގައި 300 މިލިއަން ރުފިޔާގެ މަސައްކަތް ކުރަމުން ނިމެމުން އެބަދޭ. ޖުމުލަކޮށް ތިނަދޫއަކީ އެމްޓީސީީސީގެ ވަރަށް ބޮޑު ސައިޓެއްކަމަށް ފާހަގަވަނީ،" އޭނާ ވިދާޅުވިއެވެ.
ތިނަދޫގައި ކުރީގެ ސަރުކާރުން ތަރައްޤީކުރި އިސްލާމީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ މެއި މަހުއެވެ.
ތިނަދޫ އިސްލާމީ މަރުކަޒަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމި މަސައްކަތެކެވެ.