ޗެނަލް 13 އާއި ދިޔަރެސްއާ ދެކޮޅަށް ދައުވާކުރަން އާރްޑީސީއިން ނިންމައިފި

އާރްޑީސީީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދޮގު ޚަބަރު ފެތުރިކަމުގެ ތުހުމަތުގައި ޗެނަލް 13އާއި ދިޔަރެސް ނޫހާ ދެކޮޅަށް ދައުވާކުރަން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމައިފިއެވެ.

އާރްޑީސީގެ ބޯޑުން އެ ގޮތަށް އިއްޔެ ފާސްކޮށްފައިވާކަން އެ ކުންފުނީގެ ބޯޑް މެންބަރަކު "ސަން"އަށް ވަނީ ކަަށަވަރު ކޮށްދެއްވައިފައެވެ.

އާރްޑީސީގެ އެކައުންޓުން، އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ ދެ މީޑިއާއިން ގެނެސްދިން ޚަބަރުގައިވެއެވެ.

އެގޮތުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އާ މައްސަލަ ގުޅުވައި، ފައިސާ ޖަމާ ކޮށްފައިވަނީ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް އެ ދެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން މޫކޭ އަކީ ވައްކަމުގެ ބޮޑެތި ތުހުމަތު ކުރެވިފައިވާ ބޭފުޅެއް ކަމަށް ދިޔަރެސް ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

މޫކޭ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ "ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް" ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށެވެ.

"އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެތާ ގައިމުވެސް. ކުރުވާހަކަ ލިޔާ އިރުވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ،" މޫކޭގެ ޓްވީޓުގައިވެއެވެ.

އާރްޑީސީއާ ގުޅޭ މައްސަލައެއް ތަހުގީގުކުރަމުންދާ ކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެ މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ ތަރުޖަމާނު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު މީގެ ކުރިން "ސަން" އަށް ވިދާޅުވީ، އާރްޑީސީގެ ފައިސާ ޖަމާވީ އެ ކުންފުނީގެ މެނޭޖަރު ލެވެލްގެ މުވައްޒަފެއްގެ އެކައުންޓަށް ކަމަށެވެ. ނަމަވެސް ތަހުގީގު ކުރާ މައްސަލައަކަށް ވާތީ، އެ މުވައްޒަފަކީ ކޮބައިކަމާއި އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާގެ އަދަދު ހާމަކުރެވެން ނެތް ކަމަށް ޔޫނުސް ވިދާޅުވިއެވެ.

"މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ އެކައުންޓަށް ފައިސާ ޖަމާ ނުވެއޭ ބުނެފައެއް ނުވާނެ. އެއްވެސް ބަޔަކު އިސްތިސްނާ ކޮށްގެން ނެއް ނޫން ތަހުގީގު ކުރިއަށް ގެންދަނީ." ޔޫނުސް ވިދާޅުވިއެވެ.

comment ކޮމެންޓް