ޓެލްއަވީވު (16 ޖުލައި 2023): ހޭނެތިގެން ބިންމައްޗަށް ވެއްޓުނު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހާލު މިހާރު ރަނގަޅުކަމަށް އިސްރާއީލުގެ މީޑީއާއިން ބުނެފިއެވެ.
އިސްރާއީލުގެ މީޑީއާތައް ބުނާގޮތުން ނަތަންޔާހޫ އަދިވެސް އޮންނެވީ ހިފާފައިވާ ގުދްސުގައި ހުންނަ ޝީބާ މެޑިކަލް ސެންޓަރުގައެވެ. އެއީ މަތީފެންވަރުގެ ހޮސްޕިޓަލެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއް ބުނިގޮތުގައި އިއްޔެގެ ވަގުތެއްގައި ނަތަންޔާހޫގެ ކުއްލި ގޮތަކަށް ހޭނެތިގެން ބިންމައްޗަށް ވެއްޓުމާއެކު ކުއްލި ހާލަތުގައި ގެންދިޔައީ އެ ސެންޓަރަށެވެ. އެތަނުގެ އިމާޖެންސީގައި ފަރުވާދެމުން ގެންދަނިކޮށް ނަތަންޔާހޫ ހޭއެރިއެވެ.
ނަމަވެސް ވެއްޓި ނަތަންޔާހޫގެ ބޯ ވަރަށް ބާރަށް ބިމުގެ ހަރުތަނެއްގައި ޖެހުމުގެ ސަބަބުން އޭނާގެ ބޮލަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ހެދި މެޑިކަލް އިވެލުއޭޝަންތަކަށް ބަލާއިރު ބޮލަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަން މެޑިކަލް ރިޕޯޓްތަކުން މިހާރުވަނީ ކަށަވަރުވެފައެވެ. މިހާރު ނަތަންޔާހޫ މެޑިކަލް ސެންޓަރުގައި އޮންނެވީ އަރާމުކުރެއްވުމަށެވެ. އޭނާ ވަރަށް އަވަހަށް ދޫކޮށްލާނެކަމަށްވެސް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާން ބުނެއެވެ.
އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނަތަންޔާހޫ އިއްޔެ ކުއްލި ގޮތަކަށް ހޭނެތިގެން ބިންމައްޗަށް ވެއްޓި ބޯޖެހުނީ ވަރަށް ބާރަށެވެ. މިއާއެކު ނަތަންޔާހޫގެ ސިއްހަތާމެދު އިސްރާއީލުގެ އެތެރޭގައި ބޮޑެތި ސުވާލުތަކެއް އުފެދުނެވެ.
އަމިއްލަ ޕާޓީތެރޭގައިވެސް ޚުދުމުޚުތާރުކަމާއި ހަރުކަށިކަމަށް ނަންމަޝްހޫރު ނަތަންޔާހޫއަކީ ވައްކަމާއި ޚިޔާނާތާއި ކަރަޕްޝަންގެ އަމަލުތައް ހިންގުމުގައިވެސް ވަރަށް ކުރީގައި އުޅޭ ބޭފުޅެކެވެ.
އަނެއްކޮޅުން އިސްރާއީލުގެ އެހެން ވެރިންނެކޭ އެއްގޮތަށް ނަތަންޔަހޫއަކީވެސް ފަލަސްތީނު އާންމުންގެ ގާތިލެކެވެ. ނަތަންޔާހޫގެ ވެރިކަމުގައި ފަލަސްތީނުގެ ރެފިއުޖީންނާދެކޮޅަށް އެތައް ގަތުލުއާންމެއް ހިންގާފައިވެއެވެ. އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާފައިވެއެވެ. އަދި އޭނާގެ ވެރިކަމުގައި ފަލަސްތީނުގެ އެތައް ސަތޭކަ ގެއެއް ތަޅައި ސުންނާފަތިކޮށް އެތައް ހާސްބަޔަކު ޝަރީއަތަކަނުލައި ޖަލަށް ލާފައިވެސްވެއެވެ.
ނަތަންޔާހޫ އިސްރާއީލުގައި ވެރިކަންކުރަމުން ގެންދާތާ 26 އަހަރު ވެފައިވާއިރު ވަރަށް ކުރު މުއްދަތަކަށް އޭނާގެ ވެރިކަން ދެތިން ފަހަރެއްގެ މަތިން މެދުކެނޑިފައިވެއެވެ. ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލަތަކާއި ވެރިކަމުގެބާރު ނަހަމަގޮތުގައި ބޭނުންކުރުންފަދަ އެތައް ކުށެއްގެ ތުހުމަތުތަކެއް ތަހުގީގު މަރުހަލާތަކުގައި ސާބިތުވެފައިވެއެވެ.
ނަމަވެސް ވެރިކަމާދުރުވުމުގެ އެއްވެސް ވިސްނުމެއް ނަތަންޔާހޫ ނުގެންގުޅެއެވެ. އިސްރާއީލުގެ ކަމާބެހޭ މުއައްސަސާތަކުން އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް މަސައްކަތްކުރާއިރު ނަތަންޔަހޫ ގެންދަނީ އެކަމުން ސަލާމަތްވުމަށްޓަކައި އިސްރާއީލުގެ ޝަރުޢި ދާއިރާއަށް ބާރުފޯރުވުމަށް މަސައްކަތް ކުރަމުންނެވެ. ޝަރުއީ ދާއިރާ އިސްރާއީލުގެ ޕާލަމެންޓްގެ ކޮންޓްރޯލް ދަށަށް ގެނެވޭގޮތަށް ކަމާބެހޭ ގާނޫނުތަކަށް ބަދަލުގެންނަން މަސައްކަތް ކުރަމުންނެވެ.
މިކަމާދެކޮޅަށް އިސްރާއީލުގެ އާންމުން ވަރަށް ފުޅާދާއިރާއެއްގައި މުޒާހަރާތައް ކުރަމުންގެންދާތާ ހައެއްކަމަސްވެފައިވާއިރު ނަތަންޔަހޫގެ ސިޔާސީ މުސަތަގްބަލާމެދުވަނީ ސުވާލު އުފެދިފައެވެ.
ނަތަންޔާހޫގެ މެޑިކަލް ރިޕޯޓްތަކާ ހަވާލާދީ އިސްރާއީލުގެ ނޫސްތައް ބުނާގޮތުން އުމުރުން 73 އަހަރުވެފައިވާ ނަތަންޔާހޫ ހޭނެތިގެން ވެއްޓުނީ ފެންނުބޮއި ގިނައިރު ހުރުމާއެކު ޑިހައިޑްރޭޓްވެގެންނެވެ.
މިދުވަސްވަރަކީ ފަލަސްތީނަށާއި އަދި އަރަބި ގިނަ ގައުމުތަކާ އަދި ޔޫރަޕްގެ ދެކުނުގެ ސަރަހައްދުތަކާއި ތުރުކީއަށް އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ. އިސްރާއީލަކީ ފަލަސްތީނުގެ ބިމުގައި ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ އެހީގައި އުފައްދާފައިވާ ޔަހޫދީ ޒަޔަނިސްޓް އެންޓިޓީއެކެވެ.
ފަލަސްތީނުގައި ފިނިހޫނުމިން އުޅެނީ 36 ޑިގްރީ ސެލްސިޔަސް އިން މަތީގައެވެ. އަރަބި ބައެއް ސަރަހައްދުތަކުގައި 47 ޑިގްރީ ސެލްސިޔަސްގައިވެސް ފިނިހޫނުމިން އުޅެއެވެ.