އޮންލައިން ވިޔަފާރި ކުރުމުގައި އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވާން އެދެފި

ފެބްރުއަރީ 15، 2021: ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮންލައިން ވިޔަފާރި ކުރުމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ އިތުރުވެފައިވާ ކަމަށާއި އޮންލައިން ވިޔަފާރި ކުރުމުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، އިންސްޓަގްރާމް، ފޭސްބުކް އަދި މި ނޫން ވެސް ސޯޝަލް މީޑިއާ ވަސީލަތްތަކުގައި، މުދާ އޮންލައިންކޮށް ވިއްކުމުގައި މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް އެ ޚިދުމަތައް ހުށަހެޅޭ ކަމަށެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ ބައެއް އުކުޅުތައް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އެކި މީހުންނަށް ގުޅައި ދަންނަ ރަހުމަތްތެރިއެއް ކަމަށް ހެދިގެން، ހީލަތްތެރިޔާގެ އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އުޅޭ ކަމަށާއި ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭކަމަށް ބުނެ އަނބުރާ ދައްކާގޮތަށް ފައިސާ ދިނުމަށް އެދޭކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ހީލަތްތެރިޔާގެ އަތުގައި ހުރީ ބެންކު އޮފް މޯލްޑިވްސް ނޫން އެހެން ބެންކެއްގެ އެކައުންޓެއްގައި ހުރި ޔޫއެސް ޑޮލަރު ކަމަށް ބުނާކަމަށް ފުލުހުން ބުންޏެވެ. އަދި، އެ ބެންކު މެދުވެރިކޮށް ފައިސާ ފޮނުވިކަން ދެއްކުމުގެ ގޮތުން ފައިސާ ޓްރާންސްފާ ކުރިކަމުގެ ސައްހަނޫން ސްލިޕް ފޮނުވުމަށް ފަހު މަކަރާއި ހީލަތުން ފައިސާ ހޯދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، މަކަރާއި ހީލަތުގެ މިފަދަ ކޯލުތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި، އޮންލައިންކޮށް ތަކެތި ގަންނަ އިރުވެސް އެ ވިޔަފާރި ކުރެވެނީ ރަނގަޅު ބައެއްގެ އަތުންތޯ ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

މީގެ ކުރިން ވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ މައްސަލަތައް ފެންމަތިވެއެވެ. އަދި، ސަރުކާރު ކުންފުނިތަކުގެ ނަމުގައި ފޭކް މެސެޖު ފޮނުވައި މަކަރާއި ހީތަކުން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް ކުންފުނިތަކުންނާއި ފުލުހުން ތަކުރާރުކޮށް އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް