އާބާދީ ކުޑަ ނަމަވެސް ރަށުގައި ތިބެެގެން ރައްޔިތުންނަށް ލިބެންޖެހޭ މުހިންމު ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެ ދެވަނަ ދައުރެއްގައި ވެސް މީސްކޮޅު މަދު މ. ވޭވަށުގައި އިތުރު މަޝްރޫތައް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.
މ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުތަކުގައި ވޭވަށަށް ވަޑައިގެން ދެއްކެވިި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މ. އަތޮޅުގެ ރަށްތަކަކީ އާބާދީ މަދު ރަށްތަކަކަށްވުމުން ކުރީގެ ސަރުކާރުތަކުން މި އަތޮޅުގެ ރަށްތައް އޮތީ ދޫކޮށްލައިފައި ކަމަށެެވެ. އޭގެ ތެރޭގައި މި ރަށް ވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ މަސްވެރި ރަށަކަށްވުމާއެކު މި ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުން އައި ކަމަކީ ބޮޑު ބަނދަރެއް ގާއިމްކުރުމުގެ މަސައްކަތްކޮށް ނިންމައިދިނުން ކަމަށެވެ.
މިއަދު އެ ކަން ހަގީގަތަކަށްވެ ބަނދަރު ބޭނުންކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރެއްގައި ވޭވަށަށް ރައީސް ކޮށްދެއްވާނެ ކަންކަން:
- ރަށް ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުން
- ބަނދަރު ފުންކުރުމުގެ މަސައްކަތްކުރުން
"މި ރަށުގެ ޒުވާނުން ބޭނުންވާ ކަންތައްތަކެއް ވެސް ހުރި ރަށުގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުން އެއީ ޒުވާނުންގެ ފަރާތުން އަޅުގަނޑުމެންނަށް އައި ރިކުއެސްޓެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުންގެ އެދުމާ އެއްގޮތަށް ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މި ދައުރުގައި ކުރި ކަމެއް ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން:
- 41 ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ޓާފް އަޅައިފައިވާކަަމަށް
- 70 ފުޓްސަލް ދަނޑު އަޅައިފިކަމަށް
- 17 ޒަމާނީ ވޮލީކޯޓު އަޅައިފިކަމަށް
- 54 އައުޓްޑޯ ޖިމް ތަރައްގީކޮށްފިކަމަށް