އަޔެކްސް ޑިފެންޑަރު ޓިމްބާ އާސެނަލަށް

އާސެނަލާ ގުޅުނު ނެދަލެންޑްސް ޑިފެންޑަރު ޖުރިއެން ޓިމްބާ -- ފޮޓޯ/ ގެޓީ

އަޔެކްސްގެ ނެދަލެންޑްސް ޑިފެންޑަރު ޖުރިއެން ޓިމްބާ، އާސެނަލަށް ސޮއިކޮށްފިއެވެ.

އާސެނަލަށް ޓިމްބާ ސޮއިކޮށްފައިވާކަން އެ ކްލަބުން ވެސް މިހާރު އިއުލާންކޮށްފައިވާ އިރު، އޭނާ އެ ކްލަބާ ގުޅުނީ 40 މިލިއަން ޕައުންޑް (52 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާ އާސެނަލާ ގުޅުނީ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

އާސެނަލާ ގުޅުމަށްފަހު ޓިމްބާ ބުނެފައިވާ ގޮތުގައި އޭނާ އެ ކްލަބާ ގުޅުނީ "ހާއްސަ ކަމެއް" ހާސިލުކުރުމަށެވެ. ޓިމްބާ ވެގެން ގޮސްފައިވަނީ އަންނަ ސީޒަނަށް އާސެނަލާ ގުޅުނު ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ޗެލްސީގެ ޖަރުމަން މިޑްފީލްޑަރު ކައި ހަވާޓްޒް އާސެނަލަށް ސޮއިކޮށްފައިވާ އިރު، ވެސްޓް ހާމް ޔުނައިޓެޑުގެ ކެޕްޓަން ޑެކްލަން ރައިސް ހޯދުމާ ގާތަށް ވެސް އެ ކްލަބުން ވަނީ ޖެހިލައިފައެވެ.

"އަހަރެންގެ އާއިލާ މެންބަރުންނާއެކު ހަގު އުމުރުގައި ފުޓުބޯޅަ މެޗުތައް ބަލަމުން ދިޔަ، އަބަދަވެސް ވިސްނަމުންދިޔައީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބަށް ކުޅުމަށް. އަމާޒަކާއެކު ކުޅޭ، އެ ކްލަބެއްގެ އަގު ހިފަހައްޓަން މަސައްކަތްކުރާ، ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބަކާ ގުޅުމަކީ އަބަދުވެސް އަހަރެން ވިސްނަމުންދިޔަ ކަމެއް. މިހާރު މި ކްލަބާ ގުޅުމުން އަހަރެންނަށް އަމިއްލަ ކްލަބެއްގެ އިހުސާސްކުރެވޭ. މި ކްލަބުގައި ހާއްސަ ކަމެއް ހިނގަން އެބައުޅޭ، އެކަމުގެ ބައިވެރިޔަކަށް ވާން އަހަރެން ބޭނުން،" އާސެނަލާ ގުޅުމަށްފަހު ޓިމްބާ ބުންޏެވެ.

އުމުރުން 22 އަހަރުގެ ޓިމްބާ އަކީ އަޔެކްސްގެ އެކަޑަމީން ތަމްރީނުވެގެން އައި ކުޅުންތެރިއެކެވެ. އަޔެކްސްގެ ސީނިއާ ޓީމުން 2018 ވަނަ އަހަރު ކެރިއަރު ފެށުމަށްފަހު، އަޔެކްސްގެ ސީނިއާ ޓީމާ ޓިމްބާ ގުޅުނީ 2019 ވަނަ އަހަރުއެވެ. އޭނާ ދަނީ 2021 ވަނަ އަހަރުން ފެށިގެން ނެދަލެންޑްސް ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

comment ކޮމެންޓް