ފާސިރުގެ މޮޅު ކުޅުމާއެކު ހޯކްސްއިން ޗެމްޕިއަން އާރުއާރުސީ އަތްދަށުކޮށްފި

ކިންގްސް ކަޕް 2026 ގައި އާރުއާރުސީ އާއި ހޯކްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

ކުލަބް މޯލްޑިވްސްގެ މިއަހަރުގެ ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) 3-1 ގެ ނަތީޖާއަކުން ބަލިކޮށް ކުުލަބް ހޯކްސްއިން ފެށުން ރަނގަޅުކޮށްފިއެވެ.

މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ސީޒަނަށް އަލަށް ތައާރަފްކުރި ސެކްޓަރ ލީގުގެ ރަނަރަޕްގެ ގޮތުގައި މުބާރާތަށް ނިކުތް ހޯކްސް އިން ރޭ ދެއްކީ ވަރަށް ހަލުވި މޮޅު ކުޅުމެކެވެ.

މިއާ ހިލާފަށް، ފުރތަމަ ކިންގްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އާރުއާރުސީ މި މުބާރާތާ ކުރިމަތިލީ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައެވެ.

ކިންގްސް ކަޕް 2026 ގައި އާރުއާރުސީ އާއި ހޯކްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މި މެޗަކީ އަނިޔާގެ ސަބަބުން މިދިޔަ ސީޒަން އެއްކޮށް ގެއްލުނު އާރުއާރުސީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެނބުރި އައި މެޗުވެސް މެއެވެ. އޭނާ ވަނީ މި މެޗުގައި އާރުއާރުސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައެވެ.

ހޯކްސްގެ މި ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެޓީމުގެ ކިރްގިސްތާން ކުޅުންތެރިޔާ އުލާން ބަޓްރްބެކް އެވެ. އޭނާގެ ހަލުވި ދުވުމާއި ހަމަލާތަކުން އާރުއާރުސީގެ ޑިފެންސަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވިއިރު، މުހައްމަދު ފާސިރު (ފާއްޓޭ) ޖެހި ފުރަތަމަ ދެ ގޯލުގެ ފުރުސަތު ތަނަވަސްކޮށްދިނީވެސް ބަޓްރްބެކް އެވެ.

ކިންގްސް ކަޕް 2026 ގައި އާރުއާރުސީ އާއި ހޯކްސް ބައްދަލުކުރި މެޗު ކުރިން މިއަހަރުގެ ޓްރޮފީ ދައްކާލަނީ-- ފޮޓޯ: ފޮޓޯ މާސްޓާ

މެޗު ފެށުމުގެ ކުރިން ވަނީ މިދިޔަ އަހަރުގެ ކިންގްސް ކަޕް ކާމިޔާބުކުރި އާރުއާރުސީއަށް ޗެމްޕިއަން ބެޖު ހަވާލުކޮށްފައެވެ. މި ބެޖު ޓީމަށް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު ސަން ސިޔާމް މީޑިއާގެ ސީއީއޯ މުޙައްމަދު އާސިފް (މޮންދު) އެވެ.

އާރުއާރުސީގެ ފަރާތުން ބެޖާ ހަވާލުވީ ޓީމުގެ ކެޕްޓަން އިބްރާހިމް އަސްވަދު (ގަބޭ) އެވެ. މީގެއިތުރުން ގަބޭ ވަނީ މިއަހަރުގެ ކިންގްސް ކަޕުގެ ޓްރޮފީވެސް ދައްކާލާފައެވެ.

ކިންގްސް ކަޕް 2026 ގައި އާރުއާރުސީ އާއި ހޯކްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މެޗުގެ ހަތަރުވަނަ މިނެޓުގައި ބަޓްރްބެކް ދިން ބޯޅައަކުން ފާއްޓޭ ވަނީ ހޯކްސްއަށް ލީޑު ނަގައިދީ، މެޗުގެ ފެށުން ވަރަށް ބޮޑަށް ރަނގަޅުކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، މި ދެކުޅުންތެރިން ގުޅިގެން އުފެއްދި ހަމަލާއަކުން ފާއްޓޭ ވަނީ އިތުރު ގޯލެއް ޖަހައި ހޯކްސްއަށް ހަމަޖެހިލައިގެން ދެވަނަ ހާފާ ކުރިމަތިލާނެ ފުރުސަތެއް ހޯދައިދީފައެވެ.

ދެވަނަ ހާފަށް އާރުއާރުސީން ނިކުތީ މެޗުގެ ނަތީޖާ އަނބުރާލުމުގެ ވަރުގަދަ އަޒުމެއްގައެވެ. ނަމަވެސް ހޯކްސްގެ ޑިފެންސް ފެނުނީ ވަރަށް ބަދަހިކޮށެވެ.

ހާއްސަކޮށް ދެވަނަ ހާފުގެ ކުރީކޮޅު އާރުއާރުސީން ޖަހަން އުޅުނު ގޯލެއް، ފާއްޓޭ ވަނީ ގޯލުގެ ރޮނގުމަތިން ދިފާއުކޮށްފައެވެ.

ކިންގްސް ކަޕް 2026 ގައި އާރުއާރުސީ އާއި ހޯކްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އާރުއާރުސީގެ ޒައިން ޒަފަރު ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭގެ ކުޑައިރުކޮޅެއް ކުރިން ފާއްޓޭއަށް ހެޓްރިކް ހަދަން ލިބުނު ރީތި ފުރުސަތެއް ހޯކްސްގެ ކީޕަރު މުހައްމަދު ލުފްސާން (ޕަފް) ވަނީ ހުސިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ހޯކްސްއިން މެޗުގެ މޮޅު ކަށަވަރުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މުހައްމަދު ނާއިމް ޖެހި ގޯލުންނެވެ. އޭގެ އެއް މިނެޓު ފަހުން އާރުއާރުސީގެ ހާއްޕެ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ.

ކިންގްސް ކަޕް 2026 ގައި އެއިޓީ ފޯ އެފްސީއާއި އެޗްޕީއެސްއެން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

ރޭ ކުޅުނު ދެވަނަ މެޗުގައި އޭދަފުށީގެ އެއިޓް ފޯ އެފްސީން ވަނީ ވަރުގަދަ އެޓޭކިންގް ކުޅުމެއް ދައްކައި، 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމް އެޗްއެސްޕީއެން ބަލިކޮށްފައެވެ.

އޭދަފުށީ ފުޓްސަލް ކަޕްގެ ރަނަރަޕްގެ ގޮތުގައި މުބާރާތަށް އައި އެއިޓް ފޯ އެފްސީން މުޅި މެޗު ކޮންޓްރޯލް ކުރިއިރު، ކްލެސިކް 2025 ގެ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތުން ފުރުސަތު ހޯދި އެޗްއެސްޕީއެން އަށް އެޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނީ އެއިޓް ފޯ އެފްސީގެ އިމްތިޝާލް އަބްދުއްރަހީމް އެވެ. އޭނާ ވަނީ މެޗުގެ އެންމެ ފަހު މިނެޓުގައި ދެއްކި މޮޅު ކުޅުމާއެކު، ތިން ގޯލާއެކު ހެޓްރިކް ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން އަބްދުﷲ ސުޒައިރު ދެ ގޯލު ޖެހިއިރު، ހުސެއިން ޝަރީފް ވެސް ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.

ކިންގްސް ކަޕް 2026 ގައި އެޗްޕީއެސްއެން އާއި އެއިޓީ ފޯ އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

އެޗްއެސްޕީއެން އިން ކޮންމެ ހާފެއްގައި ގޯލެއް ޖެހިއިރު، އެޓީމުގެ ފުރަތަމަ ގޯލު އަހުމަދު ހުސާމް ކާމިޔާބުކުރިއިރު، ދެވަނަ ގޯލު ޖަހައިދިނީ ޒާދު މުހައްމަދު ހާލިދު އެވެ. ނަމަވެސް އެއިޓް ފޯ އެފްސީގެ ހަލުވި އެޓޭކްތަކުގެ ކުރިމަތީގައި އެޗްއެސްޕީއެން އަށް އިތުރު ފުރުސަތެއް ނުލިބުނެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް "ސަން ޕްލޭ" މެދުވެރިކޮށް ވަގުތުން ދުރަށް ދައްކަމުންދާއިރު، އެސްއެސްޓީވީން ބައެއް މެޗުތައް ވަގުތުން ގެނެސްދޭނެއެވެ. މީގެއިތުރުން ކޮންމެ މެޗު ކުޅޭ ދުވަހަކާ ދިމާކޮށް ''މެޗް ޑޭ ޝޯ'' ގެނެސްދޭނެއެވެ.

ކުލަބް މޯލްޑިވްސްގެ މިއަހަރުގެ ކިންގްސް ކަޕް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުލަބް ހޯކްސް ވަނީ ކުރިހޯދާފައެވެ. މި މެޗުގައި ހޯކްސްގެ މުހައްމަދު ފާސިރު މޮޅު ކުޅުމެއް ދައްކައި ދެ ލަނޑު ކާމިޔާބުކުރިއިރު، ބިދޭސީ ކުޅުންތެރިޔާ އުލާން ބަޓްރްބެކްގެ ދައުރު ފާހަގަކޮށްލެވުނެވެ. މީގެ އިތުރުން، މުބާރާތުގެ ދެވަނަ މެޗުގައި އޭދަފުށީގެ އެއިޓް ފޯ އެފްސީން ވަނީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމް އެޗްއެސްޕީއެން ބަލިކޮށްފައެވެ. މި މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

  • އެންމެ ފަހުގެ ޗެމްޕިއަން އާރުއާރުސީ ބަލިކޮށް ހޯކްސްއިން މުބާރާތުގެ ފެށުން ރަނގަޅުކުރުން.
  • ހޯކްސްގެ މުހައްމަދު ފާސިރު މެޗުގައި ދެ ލަނޑު ކާމިޔާބުކުރުން.
  • އެއިޓް ފޯ އެފްސީން ތަފާތު ބޮޑު ނަތީޖާއަކުން އެޗްއެސްޕީއެންގެ މައްޗަށް ކުރިހޯދުން.
  • އެއިޓް ފޯ އެފްސީގެ އިމްތިޝާލް އަބްދުއްރަހީމް މެޗުގައި ހެޓްރިކް ފުރިހަމަކުރުން.
  • މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ އަދި އެސްއެސްޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުން.
comment ކޮމެންޓް