އީ ޓުކުރި އެޕް: ރަށްރަށުގައި ތިބެގެން ތަކެތި އުފައްދާ މީހުނަށް އިތުރު ފުރުސަތުތަކެއް

އީ ޓުކުރީގެ މޯބައިލް އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުތަކުން ލިބެންހުންނާނެ---

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އޮންލައިން ބާޒާރު، އީ ޓުކުރީގެ މޯބައިލް އެޕްލިކޭޝަން ލޯންޗްކޮށްފިއެވެ.

އީޓުކުރީގެ މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ އެކަމަށް ޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާމިނަތު ޝައުނާއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ ރާއްޖޭގައި އާއްމުނަށް ޚިދުމަތްދޭތާ އެންމެ ޒަމާންވީ އެއް ކުންފުންޏެވެ. ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެމުން އަންނަތާ މިހާރު 116 އަހަރު ވަނީ ވެފައެވެ.

އީ ޓުކުރީގެ މޯބައިލް އެޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބެހިފައިވާ މި ރާއްޖޭގެ 187 ރަށުގައި މީހުން ދިރިއުޅެމުންދާއިރު، މީގެ ތެރެއިން ހަމަ ކޮންމެ ރަށަކީވެސް ވަކި އިޤްތިސާދެއް ލިބިފައިއޮތް ރަށެއް ކަމަށެވެ. މިގޮތުން މި ރަށްތަކުގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުންނަށް ބޭނުންވާ އެކިއެކި މުހިއްމު ޚިދުމަތްތައް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ 116 އަހަރު ކުރިން ނަމަ ބޯޓަކަށް އަރައިގެން މާލެ އައިސް ނުވަތަ އެހެންވެސް އެހެންރަށަކަށް ގޮސް އެތަކެއް ދުވަހެއް ކަނޑުމަތީ، އޮޔާއި، ވަޔާއި، ވިއްސާރައިގެ ތެރޭގައި ހޭދަކޮށްގެން ނޫނީ އެއްވެސް ޚިދުމަތެއް ނުލިބޭ. މޯބައިލް އެޕެއް ތައާރަފްކުރުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. ކުޅުދުއްފުށީގައި ހަދާ ހާލުފޮޅިތައް މިހާރު ރަށުގައި ހުރެގެން އައްޑޫސިޓީއައަށް ވިއްކޭނެ." އީޓުކުރީގެ މޯބައިލް އެޕްގެ ބޭނުންތެރިކަމާއި ގުޅޭގޮތުން މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

އީ ޓުކުރީގެ މޯބައިލް އެޕްލިކޭޝަން ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ ވާހަކަ ދައްކަވަނީ---

ރަށްރަށުގެ ކުދި ވިޔަފާރިތަކުން ހަދާ ތަކެތި މާކެޓުކޮށް ވިއްކޭނޭ ނިޒާމެއް ނެތުމަކީ މިހާތަނަށް އޮތް ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އީ ޓުކުރީގެ މޯބައިލް އެޕް ވުޖޫދަށް އައުމާއެކު މިކަމަށްވެސް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އާދަމް މުޙައްމަދު ވިދާޅުވީ ޕޯސްޓުން ރައްޔިތުންނަށް ދެމުންދަނީ ފާހަގަކޮށްލެވޭ މުހިއްމު ޙިދުމަތެއް ކަމަށާއި މިއީ މުވައްޒަފުންގެ އިހްލާސްތެރި މަސައްކަތް ކަމަށެވެ. ޕޯސްޓްގެ ޚިދުމަތް 116 އަހަރު ވަންދެން ދިއުމުގެ އަސްލަކީ އެއީކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާދަމް ވިދާޅުވީ، ޕޯސްޓުން މަސައްކަތްކުރަމުން ދަނީ ކުރިއަރާފައިވާ އަމިއްލަ ކުންފުނިތަކުން އީ ކޮމާސް މެދުވެރިކޮށް ޚިދުމަތް ދެމުން އަންނަ ގޮތަށް އެ ކުންފުނިން ދެމުން އަންނަ ޕޯސްޓްގެ ޚިދުމަތްތައް ދިނުމަށް ކަމަށެވެ. އީ ކޮމާސްގެ ތެރެއިން ޚިދުމަތް ފުޅާކުރަން ބަލާއިރު، މިވަގުތު މިކަމަށް އޮތް ގޮންޖެހުމަކީ ފައިސާގެ މުއާމަލާތް ކުރުމުގައި ހުރި ދަތިކަންކަމަށް އާދަމް ވިދާޅުވިއެވެ.

އީ ޓުކުރީގެ މޯބައިލް އެޕްލިކޭޝަން ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ޕޯސްޓްގެ އެމްޑީ އާދަމް ވާހަކަދައްކަވަނީ

"އަޅުގަނޑުމެނަށް މިވަގުތު ދަތިކަމެއް އެބަހުރި ފައިސާގެ ޓްރާންސެކްޝަންތައް ކުރިއަށްގެންދިއުމަށް. ދިވެހިރާއްޖޭގެ ޤާނޫތައް ހުރިގޮތުން އެބަހުރި ގޮންޖެހުންތަކެއް. އެކަންކަން ހައްލުކުރުމަށް ވުޒާރާތަކާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ފަހި ގޮތްތަކެއް މެދުވެރިވެގެންދާނެ،" އާދަމް ވިދާޅުވިއެވެ.

ޕޯސްޓުން ރޭ ތައާރަފްކުރި އީ ޓުކުރި މޯބައިލް އެޕްލިކެޝަންގެ އެންމެ ޙާއްޞަ އެއްކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރަނީ "ކޮމިޔުނިޓީ އޮންލައިން ޝޮޕް" އެވެ. މިއީ ކޮންމެ ރަށަކަށް ޙާއްޞަ އޮންލައިން ފިހާރަ ކޮންސެޕްޓަށް އެރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް ގަނެވިއްކުމުގެ ފުރުސަތު ލިބިގެންދާ އޮންލައިން ފިހާރައެކެވެ.

އީޓުކުރީގެ މައިގަނޑު މަޤްސަދަކީ އަތޮޅުތެރޭގެ ރައްޔިތުން އުފައްދާ އުފެއްދުންތައް ވިއްކައި، އެ އެއްޗެހި ޕޯސްޓް މެދުވެރިކޮށް ޑެލިވަރީ ކޮށްދިނުމެވެ.

comment ކޮމެންޓް