މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ސަރުކާރުން ހިންގާ, ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރުޓީއެލް)ގެ ޚިދުމަތް ހުވަދު އަތޮޅުގައި މިއަދު ފަށައިފިއެވެ.
ހުވަދު އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް ހަ ލޯންޗް އެ ރަށަށް ފޮނުވާލާފައިވަނީ މީގެ ހަފުތާއެއްގެ ކުރިންނެވެ. ހުވަދު އަތޮޅުގައި މިއަދު ސްޕީޑް ފެރީގެ ޚިދުމަތް ފަށާފައިވާއިރު ހަފުތާއެއް ވަންދެން އަނގެއް ނުނަގާނެއެވެ.
އާރްޓީއެލްގެ ފެރީ ހުވަދު އަތޮޅުގައި ފަށައި ގދ. ތިނަދުއަށް ދިޔައިރު މަރްހަބާ ދެންނެވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަޑައިގެން ހުންނެވިއެވެ. އެތަނުގައި ހުންނަވައި މީޑިއާތަކާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ, އަވަސް ސްޕީޑެއްގައި ހެޔޮއަގުގައި ދަތުރުކުރެވޭގޮތް ފަހިވުމުން އެ އަތޮޅުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތް ހަމަޖެހިގެން ކަމަށެވެ.
"އެމްޓީސީސީގެ ޚިދުމަތަކާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ނަމަ ރަނގަޅު ކޮށްލުމަށް ޚިޔާލެއް އޮތަސް ދިނަސް އެކަމަކީ އަމަލީ ގޮތުން ކޮށްދެވޭ ކަމަކަށް ވެއްޖެ ނަމަ ހަމަ ވަގުތުން އެކަމެއް އަޅުގަނޑުމެން ކޮށްދޭނަން," އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީގެ މުޅި ޓީމް އޮތީ ލޯތްބާއި އޯގާތެރިކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތައްޔާރަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ, އެކި ބޭނުންތަކުގައި އެ ރަށަށް ކޮންމެ ދުވަހަކު ވެސް އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން އަންނަ ކަމަށާއި އާރުޓީއެލް ފެރީގެ ސަބަބުން ކުރިން ފަސް ގަޑިއިރުން ކުރަމުން އައިރު ދަތުރު ދެގަޑިއިރުން ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ އާރުޓީއެލްގެ ޚިދުމަތްތަކާ އެކީގައި މި ހުވަދު އަތޮޅު ގުޅާލެވި ހުވަދު އަތޮޅު ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވި އަދި މި އޮތް އަޚްވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރެވި އަޅުގަނޑުމެންގެ ތަރައްގީއާގެން މަސްއޫލުވެ އުޅެވޭނެ ކަމަށް," ސައުދު ވިދާޅުވިއެވެ.
އާރުޓީއެލް ސްޕީޑް ފެރީން މިއަދު ގދ. ރަތަފަންދޫން ތިނަދުއަށް އައި ރައްޔިތަކު ބުނީ, އެ ފެރީގެ ޚިދުމަތާ އެކު ޖީބަށް ވަރަށް ބޮޑަށް ލުއިވެގެން ގޮސްފި ކަމަށެވެ. އެގޮތުން އެ ރަށުން ތިނަދުއަށް އައުމަށް މީގެ ކުރިން 1000 ރުފިޔާ ޚަރަދު ކުރި ނަމަވެސް މިހާރު އެ އަދަދު ބޮޑުތަނުން ކުޑަވެއްޖެ ކަމަށެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ފަށާފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގައެވެ. އެ ބޮޅަށް ހުވަދު އަތޮޅުގެ ގއ. އަދި ގދ އަތޮޅު އަތޮޅު އިތުރުވުމުން މިއީ ޚިދުމަތް ދޭންފަށާ ހަ ވަނަ އަތޮޅެވެ.