ރަފީޢުއްދީންގެ ސުލޫކީ މައްސަލައެއް އަނެއްކާވެސް ސާބިތުވެއްޖެ

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން: އޭނާގެ ސްލޫކީ މައްސަލައެއް ވަނީ ސާބިތުވެފައި --- ފޮޓޯ: ޖޭއެސްސީ

މައްސަލައެއްގެ ހުކުމް ނުކޮށް އަހަރަކަށްވުރެ ގިނަ ދުވަސް ލަސްކޮށްފައިވާތީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު ހަތް ދުވަހަށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

މީގެ ކުރިން ރަފީޢުއްދީނަށް ސްލޫކީ މައްސަލައެއް ސާބިތުވެފައިވަނީ ވެސް މައްސަލައެއްގެ ހުކުމް ނުކޮށް ލަސްކޮށްފައިވާތީއެވެ. މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމް ކުރުމާ މެދު އެ ފަހަރު ފަސް ވަރަކަށް މަސް ހޭދަވިއެވެ. އެ ފަހަރު ޖޭއެސްސީން ނިންމާފައިވަނީ ރަފީޢުއްދީނަށް ނަސޭހަތް ދިނުމަށެވެ.

ޖޭއެސްސީން މިއަދު ބުނީ ރަފީޢުއްދީންގެ ސްލޫކީ މައްސަލައެއް ބަލާފައިވަނީ, މައްސަލައިގެ ޙުކުމް ކުރުމަށް ތާވަލުނުކޮށް އެއް އަހަރާއި ފަސް މަހާއި 19 ދުވަސް ހޭދަކޮށްފައިވާތީ ކަމަށެވެ. އެހާ ގިނަ ދުވަހަށް ފަހު ތާވަލުކުރި އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ދައުވާ ލިބޭ ފަރާތް ރަށުގައި ނެތުމުން ހާޒިރު ނުވެވިގެން ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ހުކުމް ނުކުރެވި ވަނިކޮށް އެ މައްސަލަ ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސްފައެވެ.

ޖޭއެސްސީގެ ތަހުގީގަށް ސާބިތުވެފައިވާ ގޮތުން އެ މައްސަލައިގެ ހުކުމް ކުރެވިފައި ނުވަނީ ރަފީޢުއްދީންގެ އިހުމާލުންނެވެ. އެހެންކަމުން އަދަބެއްގެ ގޮތުން ހަތް ދުވަހަށް އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، ޙުކުމްކުރުމުގެ މަޖިލިސް، އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

މީގެ ކުރިން ވެސް މެޖިސްޓްރޭޓް ރަފީޢުއްދީންގެ މައްސަލައެއް ޖޭއެސްސީން ބަލާފައިވެއެވެ. އެއީ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައާއި، އެ ނިންމުމާއި ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް އޭނާ ޢަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ.

comment ކޮމެންޓް