ކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފުރަތަމަ ފަހަރަށް ރާއްޖޭގައި

ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓާސް (ކާޓާ)ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ވިލާ ނޯޓިކާ-ޕެރެޑައިސް އައިލެންޑްގައި ފަށައިފިއެވެ.

މި އަހަރުގެ ކާޓާ ކޮންފަރެންސްގެ ތީމްއަކީ ކަމުގައިވާ "ރޯލް އޮފް ޑޭޓާ އިން ޓެކްސް ކޮމްޕްލަޔަންސް މެނޭޖްމަންޓް އެންޑް ޓެކްސޭޝަން އޮފް ހޮސްޕިޓާލިޓީ އިންޑަސްޓްރީ" ނުވަތަ ޓެކްސް ކޮމްޕްލައިންސް މެނޭޖްކުރުމުގައި ޑޭޓާގެ ދައުރު އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީއިން ޓެކްސް ނެގުމުގައި ދިމާވާ ގޮންޖެހުންތަކެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފައި ވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަލީ މަނިކެވެ. ހަފްލާގެ ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި، މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަލީ ވަނީ ކޮންފަރެންސްގެ ތީމަށް އަލިއަޅުވާލައްވައި، ރާއްޖޭގައި މި ކަން ކަމަށް ހުރި ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.

ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓާސް (ކާޓާ)ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް-- ފޮޓޯ/ މީރާ

މި ހަރަކާތަކީ ކޮމަންވެލްތްއަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ، އަދި ކޮންމެ އަހަރަކު ވެސް ތަފާތު މެންބަރު ގައުމެއްގައި ބާއްވާ ހަރަކާތެކެވެ. މިއީ މި ކޮންފަރެންސް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ގޮތުން، މި އަހަރު ރާއްޖޭގެ ފަރާތުން މި ހަރަކާތް ރާވައި އިންތިޒާމުކޮށްފައިވަނީ މީރާގެ ފަރާތުންނެވެ.

ހަފްލާގައި މީރާގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ފަތުހުﷲ ޖަމީލް ދެއްކެވި ވާހަކަފުޅުގައި، މިއީ މީރާއިން ފުރަތަމަ ފަހަރަށް މި ފަދަ ބައިނަލްއަޤުވާމީ ކޮންފަރެންސެއް ބާއްވާ ފަހަރު ކަން ވަނީ ފާހަގަކުރައްވާފައެވެ.

އަދި، ޓެކްސް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްސް އިދާރާތަކުން އެކުގައި މި ގޮތަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އޮތޯރިޓީތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް އެކި ގައުމުތަކުގެ ތަޖުރިބާތަކުގެ އަލީގައި، ގައުމުތަކުގެ ޓެކްސް ނެގުމުގެ ނިޒާމްތައް ހަރުދަނާކުރުމަށް ކާޓާއިން ކުރަމުންގެންދާ މުހިންމު މަސައްކަތްތައް ފާހަގަކޮށް އޭނާ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

މި ހަފްލާގައި ކޮމަންވެލްތުގެ 29 ގައުމަކުން އަދި ނުވަ ބައިނަލްއަޤުވާމީ އިދާރާތަކުގެ ޓެކުހާ ބެހޭ މާހިރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓާސް (ކާޓާ)ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް-- ފޮޓޯ/ މީރާ

މި ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އަދި، ކޮންފަރެންސްގެ އެކިއެކި އިންތިޒާމުތައް ހަމަޖެއްސުމުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޕޮލިސް ސާވިސަސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއާއި ހަމައަށެވެ.

comment ކޮމެންޓް