ނުރައްކާތެރި ހާދިސާއެއް: ބިއްލޫރި ޝީޓުތައް ފޭބީ ބުރިޖު މައްޗަށް

ބިއްލޫރި ޝީޓްތައް ހިފައިގެން މާލޭކޮޅުން ބްރިޖަށް އަރަންދިޔަ ޕިކަޕް--- ފޮޓޯ:ސަން

މާލޭން ސިނަމާލެ ބުރިޖަށް އަރަންދިޔަ ޕިކަޕަކަށް އަރުވާފައި ހުރި ބިއްލޫރި ޝީޓުތަކެއް ބްރިޖު މައްޗަށް ވެއްޓުމުގެ ނުރައްކާތެރި ހާދިސާއެއް މިއަދު ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 16:15 އެހާއިރުއެވެ. ބޮޑުތަކުރުފާނުމަގު ލޮނުޒިޔާރަތް ޕާކާ ދިމާލުން ބްރިޖަށް އަރަން އައި މި ޕިކަޕުގައި ގިނަ އަދަދެއްގެ ބިއްލޫރި ޝީޓް ހުރިކަން "ސަން"އަށް ލިބިފައިވާ ފޮޓޯތަކުން އެނގެއެވެ.

މި ހާދިސާގައި ޕިކަޕްގައި ހުރި ހުރިހާ ބިއްލޫރި ޝީޓުތަކެއް ވަނީ ތަޅައިގެން ގޮސްފައެވެ. ބިއްލޫރި ޝީޓްތައް ގެންދަން އުޅުނު ޕިކަޕަކީ 1.5 ޓަނުގެ ޕިކަޕެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުރިޖުން ހުޅުމާލެއަށް ދަތުރު ކުރަމުން ދިޔަ ޕިކަޕަކުން ބިއްލޫރި ކަމަށް ބެލެވޭ އެއްޗެއް ފައިބައިގެން ހާދިސާއެއް ހިނގިކަން ފުލުހުންނަށް މިއަދު ހަވީރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް