ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެ ކޮމިޝަންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު ބާއްވައިފައިވާކަމަށެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ނިންމީ އެ ބައްދަލުވުމުގައި ބައިވެރިވި ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުންކަމަށް ހަބީބު ވިދާޅުވިއެވެ. މިހާރު ޕާޓީ ރަޖިސްޓްރީކުރުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ޑިމޮކްރެޓްސް އިން ފުރިހަމަކޮށްފައިވާކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ މި މަހުގެ ދެވަނަ ދުވަހު ދިނުމާއެކު ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވީ މި މަހުގެ ފަސް ވަނަ ދުވަހެވެ.

ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަން އެދިފައިވަނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އެ ޕާޓީގެ ރައީސްކަމުން ދާދިފަހުން އިސްތިއުފާ ދެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުންނެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ، ސަރުކާރާ މެދު ދެބަސްވުން އުފެދި އެމްޑީޕީ ދޫކޮށްލި މެންބަރުންނެވެ.

އެ ޕާޓީ ރަޖިސްޓްރީކޮށްފައިވާއިރު، އެ ޕާޓީއަށް ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭ ބައްދަލުވުން ނުބޭއްވި ލަސްވި މައްސަލަ އޭރު ވަނީ ހޫނުވެފައެވެ. އެ ކޮމިޝަނުގެ ބައްދަލުވުން ނުބޭއްވުނީ، އީސީގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު ނެތް ކަމަށް ބުނެ، ކޮމިޝަންގެ ތިން މެންބަރަކު ޖަލްސާއަށް ހާޒިރުނުވާން ނިންމުމުންނެވެ.

މިހާރު ޑިމޮކްރެޓްސްއިން އަތޮޅު ތެރޭގައާއި މާލޭގައި ސިޔާސީ ހަރަކާތް ހިންގަމުން އަންނައިރު ސަރުކާރު ބަދަލުކުރުމަށް އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ޑިމޮކްރެޓްސްއިން އަންނަނީ އިދިކޮޅު ޕީޕީއެމާއެކު މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް