ގާސިމަށް ތާއީދު ކުރާކަށް މަޝްވަރާއެއް ނުކުރަން: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / ސަން ފޮޓޯ: މުހައްމަދު ޝާތިއު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރައިގެން މަސައްކަތް ކުރުމުގެ ވިސްނުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނުގެންގުޅޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ގަބޫލުކޮށް އެ ކޯލިޝަނުން ދަނީ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާ އެކު ވެސް ގައުމީ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

އެގޮތުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ޕީޕީއެމް/ޕީއެންސީން ވަނީ އިއްޔެ ގާސިމް އިބްރާހީމްގެ އަރިހަށް ވަޑައިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ޖޭޕީގެ ކޮންގްރެސްއިން ނިންމާފައިވަނީ އިންތިޚާބުގައި އެ ޕާޓީން ވަކިން ނުވަތަ އިސްވެ އޮވެ ކޯލިޝަނަކުން ވާދަކުރުމަށެވެ. މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން ޖޭޕީގެ ފަހަތަށް އަރާފާނެ ތޯ "ސަން" އިން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، އެ ޕާޓީ އަކީ އެންމެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅި އެންމެ ބޮޑު ޕާޓީ ކަމަށާއި، އިންތިޚާބުގައި އެއްވެސް ޕާޓީއެއްގެ ފަހަތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

އަދި ގާސިމްއަށް ތާއީދު ކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމްގެ އެއްވެސް ވިސްނުމެއް ނެތް އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރައިގެން މަސައްކަތް ކުރުމުގެ. ރައީސް ޔާމީން ވިދާޅުވެފަ އޮންނާނެ ކޯލިޝަން ހަދަން ޖެހޭ ހާލަތެއްގައި ކޯލިޝަން ހެދުމަކަށް ޕީޕީއެމްއަކަށް ހުރަހެއް ނެތޭ. އަދިވެސް އެކަން އޮތީ އެހެން. މި ވެރިކަން ބަދަލު ކުރަން ޖެހޭ ކަމަށް އަޅުގަނޑުމެން އެންމެން އެބަ ގަބޫލު ކުރަމޭ. އެކަން ގަބޫލު ކުރައްވާ ގާސިމް ވެސް." އަބްދުއްރަހީމް ވިދާޅުވިއެވެ.

ނަމަވެސް އޭގެ މާނައަކީ އެ ބޭފުޅުންނާއެކު މަސައްކަތް ކުރަން ތިބި ޕާޓީތަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ނެތުން ނޫން ކަމަށާއި، ގައުމީ މައްސަލަތަކުގައި މަޝްވަރާ ކުރެވެން ހުރި ހުރިހާ ފަރާތްތަކާ އެކު މަސައްކަތްކުރުމަށް ރައީސް ޔާމީން ލަފާފުޅު ދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ކުރިއެރުމަކީ އެ މަނިކުފާނާ އެކު ހުރިހާ ޕާޓީތަކުން ވެސް މަޝްވަރާ ކުރެއްވުން ކަމަށާއި، އެ ފުރުސަތު ރައީސް ޞާލިޙަށް މިއަދު ނެތް ކަމަށެވެ. އަދި އެ މަނިކުފާނު މިއަދު ވަރަށް ބޮޑަށް ބާކީވެ އެކަނިވެރިވެއްޖެ ކަމަށް ވެސް އަބްދުއްރަހީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް