ޔާމީނަށް އިންސާފު ހޯދައިދޭން ގޮވާލާ، ގާސިމްގެ ފާޑު ކިޔުން ސަރުކާރަށް

ގާސިމް އިބްރާހީމް އަދި ކުރީގެ ރައީސް ޔާމީން / ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެ މަނިކުފާނުގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެއަށް ފަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިހާތަނަށް ތާވަލްކޮށްފައިނުވާއިރު، އިތުުރު އަޑުއެހުމެއް ތާވަލް ކުރާނެ ދުވަހެއް ނޭނގޭ ކަމަށް ހައި ކޯޓުން މިއަދު ވަނީ ބުނެފައެވެ.

ގާސިމް އިބްރާހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަގްސަދަކީ މިނިވަން ކަމާއި، އިންސާފުވެރިކަމާ އެކު، އަދުލު އިންސާފު ގާއިމްކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.

އެެހެން ކަމުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެ ހައްގުތައް ފުރިހަމައަށް ލިބެން ޖެހޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެއީ ރައީސް ޔާމީން ކަމުގައި ވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމުގައި ވިޔަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަަމަށެވެ.

އަދި، އެއީ އިންސާނީ ހައްގަކަށް ވެސް ވީ ހިނދު، ލަސްވުމެއް ނެތި އަދުލުވެރި ކަމާއި ހަމަހަމަކަމާ އެކު ގައުމުގައި އިންސާފު ގާއިމް ކުރެވެން ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގަައި ، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯއެވެ؟" ގާސިމްގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ދިފާއުގައި ގާސިމް ވާހަކަ ދައްކަވާފައި ވާއިރު، އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ލީޑަޝިޕުން މިއަދު ވަނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ގާސިމާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނުނު ނަމަވެސް ގާސިމްގެ ޖުމްހޫރީ ޕާޓީން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ގާސިމަށް އަރުވައިފައެވެ. އަދި، އެ ޕާޓީން އަންނަނީ ރިޔާސީ ކެމްޕޭން ވެސް ކުރަމުންނެވެ.

އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމަށް ފަހު ގާސިމް ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

comment ކޮމެންޓް