ކެންސަރު ސްކްރީނިން އެޕެއް ތައްޔާރު ކުރަން، އެމްއޭސީއެލުން އެއް ލައްކަ ރުފިޔާ

ކެންސަރ ސޮސައިޓީއަށް އެހީގެ ރަމްޒީ ޗެކް ހަވާލުކުރުމުގެ ތެރެއިން--- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން، ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެއް ލައްކަ ރުފިޔާގެ ފައިސާގެ އެހީ، މިއަދު އެ ސޮސައިޓީއާ ހަވާލުކޮށްފިއެވެ.

މި ކަމަށްޓަކައި މިއަދު އެމްއޭސީއެލްގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން މި އެހީ، ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހުޖޫބް ސުޖާއުއެވެ. ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން އެހީއާ ހަވާލުވީ އެ ޖަމިއްޔާގެ ހަޒާންދާރު ނީނާ މަންސޫރެވެ.

އެމްއޭސީއެލުން ބުނީ، ކެންސަރު ސޮސައިޓީއަށް ދިން އެއް ލައްކަ ރުފިޔާގެ އެހީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ، ކެންސަރު ސްކްރީނިން އެޕްލިކޭޝަނެއް ހެދުމަށާއި، ޑޭޓާބޭސް ތަރައްޤީ ކުރުމަށް ކަމަށެވެ.

އެމްއޭސީއެލުން ބުނީ މި އެހީއަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިއްމާގެ ދަށުން ދެވުނު އެހީއެއް ކަމަށާއި، މުޖުތަމައުގެ ދުޅަހެޔޮ ކަމަށާއި، ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އަބަދު ވެސް އެހީތެރިކަން ދޭނޭ ކަމަށެވެ.

"ކެންސަރު ސްކްރީނިން އެޕް ތަރައްޤީކުރުމަށް ދިން އެހީގެ ސަބަބުން ކެންސަރު ސޮސައިޓީން ކެންސަރާ މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ. އެޕްލިކޭޝަން ތަރައްޤީކުރެވުމުން ސްކްރީންގެ އެންމެހާ ކަންކަން ހަރުދަނާވެގެން ދިއުމުގެ އިތުރުން ރެކޯޑުތައް ބެލެހެއްޓުމަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ،" އެމްއޭސީއެލުން ބުންޏެވެ.

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއިން ވަނީ މިހާތަނަށް 20،900 މީހަކު ކެންސަރަށް ސްކޭން ކޮށްފައެވެ. މީގެ ތެރޭގައި އުރަމަތީ ކެންސަރު، އަނގައިގެ ކެންސަރު، ސާވިކަލް ކެންސަރު ހިމެނެއެވެ.

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި އެ ޖަމިއްޔާއިން ދަނީ މި އަހަރުގެ ތެރޭގައި ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރު ސްކްރީނިން ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ ތެރެއިން ޕްރޮސްޓޭޓަކީ ފިރިހެނުންގެ ތެރޭގައި އާއްމު ކެންސަރުގެ ބާވަތެކެވެ. އަދި، ކޮލޮރެކްޓަލް ކެންސަރަކީ ހަޖަމުގެ ނިޒާމަށް ޖެހޭ ކެންސަރެވެ.

comment ކޮމެންޓް