އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު, 35 މިލިއަން ރުފިޔާ ނެންގެވި ކަމަށް މީގެ ކުރިން ވިދާޅުވި ވަހަކައަކީ 'ސްމޯކް ސްކްރީން'ކޮށް އަސްލު ވަގުން ހޯދަން ދެއްކެވި ވާހަކައެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ދެ އަހަރާއި ފަސް މަސް މަހުން މިއަދު ރާއްޖެ ވަޑައިގެން، މާލޭ ރަސްމީ ފާލަން ދޮށުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ، އެ ފަދައިން އޭރު ވިދާޅުވީ އޭނާގެ ސިޔާސީ ގޮތުން ކުރިމަތިކުރުވި ގޮންޖެހުމުގައި ސަރުކާރުގެ ތެރެއިން ބައިވެރިވާ މީހުން ހޯދުމަށް ކަމަށެވެ.
"ނޫން ސްމޯކް ސްކްރީނެއް އަޅުގަނޑު ބޭނުންކުރީ. ސްމޯކް ސްކްރީނުގެ މާނައަކީ ކަމެއް، ގޯހެއް ހަދާ މީހަކު ކައިރީގައި އިނދެގެން ތިމަންނަ މިހުރީ ކަލެއާ އެއްކޮށޭ ނޫނީ ތިމަންނައެއް ނޫނޭ ކިޔަމުންދާއިރު އެއީ ކާކުކަން މާސްކު ނައްޓައިލުމަށް ހަނގުރާމައިގައި ބޭނުންކުރާ އުކުޅެއްހެން،" އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިހު 35 މިލިއަން ރުފިޔާ ނުނަންގަވާ ކަމަށާއި އެ މަނިކުފާނަކީ އެއަށްވުރެ ލިބޭ، ފުދިގެން އުޅުއްވައި ބޭފުޅެއް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ޚިޔާނާތުގެ އަމަލު ހިންގި ދުވަސްވަރު ކަން ހިނގައިދިޔަ ގޮތް ރައީސަށާއި އޭރު އެމްޑީޕީގެ ރައީސްކަން ކުރައްވަމުން އައި ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އެއާ އެކު އޭނާއަށް ދެރައެއް ދޭން ސަރުކާރު ތެރެއިން މަސައްކަތްކުރީ ކޮން ބަޔަކު މިހާރު ކަން އޭނާއަށް އެނގިލައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެއީ ކޮންބައެއްކަން އެ ކަން ހާމަކުރަންވީ ވަގުތު އައުމުން ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ
"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ނުވަތަ ރައީސް ޔާމީން އަޅުގަނޑު ފްރޭމްކުރުމުގައި އެއްވެސް އަތެއް އޮތް ކަމަކަށް. އެކަމު ދެން މި މައިދާނުގައި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ވަހާއި އަތާއި ފަޔާއި މީގެ ތެރޭގައި އެބައޮތް ސިޔާސީ މައިދާނުގައި. މިއީ ސިޔާސީ ކަމެކޭ،" އަލީ ވަހީދު ވިދާޅުވިއެވެ.