އަންނަ އަހަރުގެ ސަވާދިއްތަ ދަތުރުގައި އީކުއޭޓާ ހުރަސްކުރާނެ

ސަވާދިއްތަ ދަތުރުގައި ބައިވެރިވި ޔޮޓުތަކެއް---

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބާއްވަމުން އަންނަ "ސަވާދިއްތަ ދަތުރު"ގެ ތިންވަނަ އެޑިޝަން މިއަދު އިފްތިތާހް ކޮށްފިއެވެ.

ސަވާދިއްތަ ދަތުރަކީ ރައްޖޭގައި ބާއްވަމުން އަންނަ ހަމައެކަނި ބައިނަލްއަޤްވާމީ ޔޮޓް ރެލީއެވެ. މި ޔޮޓް ރެލީގެ ފުރަތަމަ އެޑިޝަން 2022 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު، ދެވަނަ އެޑިޝަން ކުރިއަށް ގެންގޮސްފައިވަނީ މި އަހަރެވެ.

އެމްއައިޓީޑީސީން "ސަވާދިއްތަ ދަތުރު"ގެ ތިންވަނަ އެޑިޝަން އިފްތިތާހް ކޮށްފައިވަނީ ގިނަ އަދަދެއްގެ ޔޮޓްސްމަނުންނާއި އަދި ދުނިޔޭގެ މަޝްހޫރު މެރީނާތަކާ އެކު، އެ ކަމަށްޓަކައި މިއަދު ބޭއްވި ވާޗުއަލް ސެޝަނެއްގައެވެ. "ސަވާދީއްތަ ދަތުރު"ގެ ތިންވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 10 އަކުން 29ގެ ނިޔަލަށެވެ.

ސަވާދިއްތަ ދަތުރުގެ ތިންވަނަ އެޑިޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާޓް" މި ތީމްގެ ދަށުންނެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިން ރަށެއްގައި-- ފޮޓޯ/ ސަވާދީއްތަ ދަތުރު

އަންނަ އަހަރުގެ ސަވާދިއްތަ ދަތުރުގައި ބައިވެރިވާ ޔޮޓްތައް ދަތުރު ފަށާނީ މި ކަމަށްޓަކައި ބޭއްވޭ ހާއްސަ ރަސްމިއްޔާތަކާ އެކު މާލެ އަތޮޅު ކުޑަގިރިންނެވެ. ދަތުރުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ވ.ފުލިދޫ، މ.މުލި، ލ.ގަން، ލ.ފޮނަދޫ، ގއ.ކޮލަމާފުށި، ގދ.ހޯނޑެއްދޫ، ސ.ހިތަދޫ އަދި ސ.ގަން އެވެ. 'ސަވާދީއްތަ ދަތުރު 2024' ތިންވަނަ އެޑިޝަން ނިންމާލުމުގެ ރަސްމިއްޔާތު ގެ ގާލާނައިޓް ބޭއްވުމަށް ޤަސްތުކޮށްފައިވަނީ އައްޑޫ ސިޓީގައެވެ.

'ސަވާދީއްތަ ދަތުރު 2024' އެންޑޯޒްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް؛ އެމްއެމްޕީއާރުސީ، މަޓީ އަދި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން ހިމެނެއެވެ. މީގެ އިތުރުން ޓޫރިޒަމްގެ އިލްމީ ދިރާސާތައްކުރާ ބައިނަލްއަޤްވާމީ ޖަމާއަތެއް ކަމުގައިވާ، "އިންޓަނޭޝަނަލް ޓޫރިޒަމް ސްޓަޑީސް އެސޯސިއޭޝަން" ގެ ފަރާތުން ވަނީ 2024 ވަނަ އަހަރުގެ ޔޮޓްރެލީ އެންޑޯޒްކޮށްފައެވެ.

ސަވާދިއްތަ ދަތުރުގެ ބައިވެރިން ރާއްޖޭގެ ރަށެއްގައި--

ސަވާދިއްތަ ދަތުރަކީ ރާއްޖޭގެ ޒަމާންވީ ތާރީޚާއި، ޘަޤާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި، އެހާރާއި މިހާރުގެ ދިވެހިންގެ ކުޅިވަރުތައް، މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ރިޔަލު ދޯނީގައި މާސިންގާ ކަނޑުތައް ހުރަސްކޮށް، ރާއްޖެއާއި ބޭރުގެ ކަރަތަކަށް ދަތުރުކުރި ކުޅަދާނަ ބައެކެވެ. 'ސަވާދީއްތަ ދަތުރު'ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ދިވެހިންގެ ޤަދީމީ މި ހުނަރު ދިރުވާ އާލާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް، މުޅިން ތަފާތު ނަޒަރަކުން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ސަވާދިއްތަ ދަތުރުގައި ބައިވެރިވި ޔޮޓުތަކެއް އުލިގަމުގައި---

މި ފަހަރުގެ ދަތުރުގައި ފުރަތަމަ ފަހަރަށް އީކުއޭޓަރު ހުރަސް ކުރުމާއި އަދި ރާއްޖޭގެ ބޮޑު ދެ ކަނޑެއް ހުރަސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދަތުރުގެ ޔޮޓްތައް ޒިޔާރަތްކުރާ ރަށްރަށުން (މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް) ލޯކަލް ގައިޑުން ތަމްރީނު ކުރުމާއި އަދި އެ ރަށްތަކުގެ ދަރިވަރުންނަށް ހުޅުވާލެވިގެން، ދަތުރުގެ ތީމާ ގުޅޭ ކުރެހުމުގެ މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް