ފިލްމީ ދާއިރާއިން ލިބޭ ފުރުސަތުތަކާ ގުޅޭގޮތުން ކުދިންގެ މަޝްވަރާ ހޯދާކަމަށް ބަތަލާ ނީތޫ ކަޕޫރު ބުނެފިއެވެ.
މިދިޔަ އާދީއްތަ ދުވަހު 65 އަހަރު ފުރުނު ކުރީގެ ފިލްމީ ބަތަލާ އެނބުރި ފިލްމީ ދާއިރާއަށް ނުކުމެފައިވަނީ ފިރިމީހާ ރިޝީ ކަޕޫރު މީގެތިން އަހަރުކުރިން މަރުވުމާ ގުޅިގެންނެވެ. އަދި ފިލްމީ ދާއިރާއަށް އެނބުރި އައުމަށް އެންމެބޮޑަށް ބާރު އެޅީވެސް ޢާއިލާގެ މެމްބަރުންގެ އިތުރުން ދަރިފުޅު ރަންބީރު ކަޕޫރާއި ރިދިމާ ކަޕޫރުކަމަށް ނީތޫވަނީ ބުނެފައެވެ.
ފިލްމީ މަސައްކަތްތަކަށް އެނބުރި އައުމަށްފަހު ނީތޫވަނީ ބައެއް ޓެލެވިޒަން ޝޯވްތަކުގެ ފަނޑިޔާރެއްގެ ރޯލްވެސް އަދާކޮށްފައެވެ. މިދިޔަ އަހަރު ފިލްމު "ޖުގް ޖުގް ޖިއޯ"އިން ރަސްމީކޮށް ފިލްމީ މަސައްކަތްތަކަށް ނުކުމެފައިވާ ބަތަލާ މީގެކުރިންވެސްވަނީ ބައެއް ފިލްމުތަކުގެ ސަޕޯޓިންގް ރޯލްތަކުން ފެނިފައެވެ. އަދި އޭރު ކުޅެފައިވާ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވަނީވެސް ރިޝީ ކަޕޫރާއެކުއެވެ.
ފިލްމީ ދާއިރާގައި އެކްޓިވްކޮށް މަސައްކަތްކުރަން ފެށުމުން ދަރިފުޅު ރަންބީރުއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވެފައިވާކަމަށް ދާދިފަހުން ނީތޫވަނީ ބުނެފައެވެ.
އަންހެން ދަރިފުޅު ރިދިމާއަށްވުރެ ބޮޑަށް ރަންބީރު ކަޕޫރާއެކު ފިލްމުތަކުގެ ވާހަކައާއި އެކްޓަރުންގެ ވާހަކަތައްވެސް ހިއްސާކުރާކަމަށް ބަތަލާވަނީ ބުނެފައެވެ. އޭރު އެހެން އެކްޓަރުންގެ ޕާފޮމެންސްތަކަށް ފާޑުކިޔާ ޚުދު ރަންބީރު ކުޅެފައިވާ ފިލްމުތަކަށްވެސް ފާޑުކިޔާފައިވާނެކަމަށް ރަންބީރުގެ މަންމަވަނީ ބުނެފައެވެ. އަދި ދެމީހުންނަށްވެސް ލިބޭ ފިލްމުތަކާ ގުޅޭގޮތުން މަޝްވަރާކުރާކަމަށާއި އޭގެ ސަބަބުން މަސައްކަތްތައް ވަރަށް ބޮޑުތަން ފަސޭހަވެގެންދާކަމަށް ނީތޫވަނީ ބުނެފައެވެ.
ރަންބީރުއާއި ނީތޫ އެކީގައި މިހާތަނަށް ފިލްމެއްގައި މަސައްކަތް ނުކުރިޔަސް އެކީގައި ބައެއް ޝޯވްތަކުގައިވަނީ ޕާފޯމްކޮށްފައެވެ.