ވިކީއާއި ތްރިޕްތީގެ ފިލްމު އެމޭޒަން ޕްރައިމްއަށް

ބޮލީވުޑްގައި އަރަމުން އަންނަ ބަތަލާ ތްރިޕްތީ ދިމްރީއާއި ވިކީ ކޯޝަލް އެމޭޒަން ޕްރައިމްގެ ފިލްމަކަށް ސޮއިކޮށްފިއެވެ.

އެމޭޒަން ޕްރައިމްއިން މި ޚަބަރު ޢާއްމުކޮށްފައިވާއިރު ވިކީ ކޯޝަލްވެސްވަނީ އެމޭޒަންގެ ފިލްމަކަށް ސޮއިކުރިކަން ކަށަވަރުކޮށްދީފައެވެ. މިފިލްމަށް ވަކި ނަމެއް ދީފައިނުވާއިރު ފިލްމު ގެނެސްދެނީ އެމޭޒަން ޕްރައިމްއާއި ކަރަން ޖޯހަރުގެ ދަރުމާ ކުންފުންޏާއި ލިއޯ މީޑިއާ ކަލެކްޓިވްއާ ގުޅިގެންނެވެ.

ވިކީގެ ދިގު އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވަނީ މިފިލްމަކީ، އެކްޓަރަށް ވަރަށް ޚާއްސަ ފިލްމެއްކަމަށެވެ. އަދި އޭގެ ފަހަތުގައި ވަރަށްގިނަ ސަބަބުތައްވާކަމަށް ވިކީވަނީ ބުނެފައެވެ.

މިފިލްމުގެ ޑައިރެކްޓަރަކީ ކާމިޔާބު ވެބް ސީރީސްތަކެއް އުފައްދާފައިވާ އާނަންދު ތިވާރީއެވެ. ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން އާނަންދު ތިވާރީއަކީ ބައެއް ފިލްމުތައް އަދި ވެބް ސީރީސްތަކުގެ ރޯލްތައް ކުޅެފައިވާ ތަޖުރިބާކާރު ލިޔުންތެރިއެއްވެސްމެއެވެ. އޭގެތެރޭގައި، އެމޭޒަން ޕްރައިމްއިން ގެނެސްދިން "މާޖާ މާ" އަދި 2020ވަނަ އަހަރު ރިލީޒްކުރި ވެބް ސީރީސް "ބަންދިޝް ބަންޑިތްސް" ހިމެނެއެވެ.

ވިކީ ކޯޝަލްގެ އިތުރުން ބަތަލާ ތްރިޕްތީ ދިމްރީ އަދި ނެހާ ދޫޕިއާ މުހިއްމު ރޯލްތަކުން ފެންނާނެ މިފިލްމާއެކު، މިފިލްމު ރިލީޒްކުރާނެ ތާރީޚުވެސްވަނީ އިޢުލާނުކޮށްފައެވެ. ކުރިޔަށްއޮތް އަހަރުގެ ފެބްރުއަރީ މަހުގެ 23ގައި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު ވަރަށް އަވަހަށް މިފިލްމުގެ ނަން އިޢުލާނުކުރާނެކަމަށް ވިކީ ކޯޝަލްވަނީ ބުނެފައެވެ.

މީގެކުރިންވެސް ވިކީ ކޯޝަލްވަނީ ކަރަން ޖޯހަރުއާއެކު މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ނެޓްފްލިކްސްއާ ގުޅިގެން ކަރަން ގެނެސްދިން "ލަސްޓް ސްޓޯރީސް" އަދި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ގޯވިންދާ ނާމް މެރާ" ހިމެނެއެވެ.

ވިކީއާއެކު މިފިލްމަށް ސޮއިކޮށްފައިވާ ބަތަލާ ތްރިޕްތީ ދިމްރީއަކީ، 2020ވަނަ އަހަރު އެމޭޒަން ޕްރައިމްގައި ޕްރިމިއަކުރި "ބުލްބުލް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާއެކެވެ.

ތްރިޕްތީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔައަހަރު ރިލީޒްވި ފިލްމު "ޤާލާ"އިންނެވެ.

comment ކޮމެންޓް