މި ހިނގާ އެމްޑީޕީގެ ސަރުކާރުން، ރާއްޖޭގެ އެއްވެސް ރަށަކަށް ގެނައި އެންމެ ބޭނުންތެރި ތަރައްގީއެއް ވެސް ނެތް ކަމަށް، މި ފަހުން އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އަލަށް އުފައްދާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"ދެވަނަ ދައުރެއް، ދިވެހި ރައްޔިތުން، ރައީސް [އިބްރާހިމް މުހައްމަދު] ޞާލިޙަށް ދޭން ނެތީ ސަބަބެއް ނެތިއެއް ނޫން. ވީ ވައުދާއި ދެން ކުރެއްވި ކަންތަކާއި ރައްޔިތުންނަށް ދެން ވެގެންދިޔަ ގޮތްތަކާއި ރައްޔިތުންގެ އުންމީދުތައް މުޅިން ބިލާހަކަށް ވެގެންދިޔައީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުން އެދުނު ކަންކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޭނުންވާ ކޮންޓްރެކްޓުތަކަށް ބޭނުންވާ ބޮޑެތިބޮޑެތި މަޝްރޫއުތައް އަޅުގަނޑުމެން ހިންގަމުން ދިޔައީ. ރާއްޖޭގެ އެއްވެސް ރަށެއް ނެތް ފަސްގަނޑު ނުޖަހާ. އަޅުގަނޑު ކުރީގައި ވެސް ދެންނެވިން، ބޮޑު ސިންގާ ސްކޭލެއްގައި އަކުންބަކުން ކުޅުމެކޭ ރާއްޖޭގެ ރަށްތަކެކޭ އެއްވަރު،"
ނަޝީދު ވިދާޅުވީ، އަދިވެސް ރަށްރަށުގައި ކުރިއަށް ދަނީ މިދިޔަ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފެއްޓެވި މަސައްކަތްތައް ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހުޅުވަން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ
މި ސަރުކާރުން ފަށައިގެން ނިންމި، ރައްޔިތުންނަށް ފައިދާ ކުރަނިވި އެންމެ މަޝްރޫއެއް ވެސް ނެތް ކަމަށާއި ރައްޔިތުން ބޭނުންވި ކަންކަން ފާއިތުވި ފަސް އަހަރު ފޯރުކޮށްނުދެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރައީސް ޔާމީން ފެއްޓެވި ނަރުދަމާތައް، އޭގެ މަސައްކަތްތައް އަދިވެސް އަދިވެސް އެތައް ރަށެއްގައި ކޮށްޓައިލަ ކޮށްޓައިލަ. ސަރުކާރަށް ގެންގޮސް ނިންމޭ އެއްވެސް މަޝްރޫއެއް މިދިޔަ ފަސް އަހަރު ތެރޭގައި ނުފެނުނު،" ނަޝީދު ވިދާޅުވިއެވެ.
ފުޓްސަލް ދަނޑުތަކެއް ހެދި ކަމަށާއި އެކަމަކު، އެއީ ރައްޔިތުންނަށް ބޭނުންތެރި މުހިއްމު މަޝްރޫއުތައް ނޫން ކަމަށް އެ މަނިކުފާނު ވަނީ ސިފަ ކުރައްވައިފައެވެ.
ސަރުކާރާ މެދު އުފެދުނު ދެބަސްވުންތަކަށް ފަހު، ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެކަށް އެމްޑީޕީން ވަކިވެފައެވެ. އަދި، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދާ، އެމްޑީޕީ ނޫން ޕާޓީތަކާ އެކު ގެންދަނީ ސިޔާސީ މަޝްވަރާތައް ކުރައްވަމުންނެވެ.
ޑިމޮކްރެޓްސްގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ނަމަވެސް ނަޝީދު އަދި އެ ޕާޓީއަށް ސޮއިއެއް ނުކުރައްވައެވެ.