މަގުބޫލު އެކްޝަން ފްރެންޗައިޒްގެ އެންމެ ފަހުގެ ބައި ބޮކްސް އޮފީހުގައި ފްލޮޕަކަށް ވި ނަމަވެސް އާދަޔާ ޚިލާފު ރެކޯޑެއް މުގުރާލައިފިއެވެ.
ހެރިސަން ފޯޑް ލީޑުން ފެންނަ ފްރެންޗައިޒްގެ ފަސްވަނަ "އިންޑިއާނާ ޖޯންސް އެންޑް ޑައިލް އޮފް ޑެސްޓިނީ" ވަނީ ދާދިފަހުން ސިނަމާތަކުގައި ދައްކަން ފަށާފައެވެ. ޚިޔާލު ތަފާތުވުން ހުރި ރިވިއުތަކަށް ފަހު ސިނަމާތަކުގައި ފިލްމު މާ ބޮޑު މަގުބޫލުކަމެއް ހޯދާފައެއް ނުވެއެވެ.
ނަމަވެސް ފިލްމު ވަނީ މިހާތަނަށް އެޅުވި ފިލްމުތަކުގައި އެންމެ ދުވަސްވީ ލީޑު އެކްޓަރު ނުވަތަ ބަތަލުގެ ރޯލާއެކު ރެކޯޑެއް ހޯދާފައެވެ.
ފިލްމުގައި އިންޑިއާނާ ޖޯންސްގެ ރޯލުން ފެންނަ ހެރިސަން ފޯޑުގެ އުމުރަކީ 80 އަހަރެވެ. އެންމެ ދުވަސްވީ މީހެއް ލީޑުން މީގެ ކުރިން ރެކޯޑު ހަދާފައިވަނީ މީގެ 20 ވަރަކަށް އަހަރު ކުރިންނެވެ. އެއީ "ސްޓްރެއިޓް ސްޓޯރީ" ނަމަކަށް ކިޔާ ފިލްމުގައި 79 ނުވަ އަހަރުގެ އެކްޓަރު ރިޗާޑް ފާންސްވޯތު ކުޅުނު ރޯލާއެކުގައެވެ. ފޯޑް މި ރިކޯޑު އާ ކޮށްފައިވަނީ އެއް އަހަރުގެ ތަފާތާއެކުގައެވެ.
އިންޑިއާނާ ޖޯންސްގެ ފުރަތަމަ ފިލްމެއް ރިލީޒް ކޮށްފައިވަނީ 1981 ވަނަ އަހަރުގައެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ފްރެންޗައިޒްގެ ތިން ފިލްމު ނެރުމަށްފަހު ހަތަރުވަނަ ފިލްމު ނެރެފައިވަނީ އޭގެ 19 އަހަރު ފަހުން 2008 ވަނަ އަހަރުގައެވެ. އަނެއްކާވެސް ބޮޑު ބްރޭކަކަށް ފަހު އިންޑިއާނާ ޖޯންސް އާ ފިލްމު މިއަހަރު ނެރެފައިވާއިރު މިއީ ފޯޑް މި ރޯލުން ފެންނާނެ ފަހު ފަހަރެވެ.
ހެރިސަން ފޯޑަށް ފަހު އިންޑިއާނާ ޖޯންސް ރޯލު އެހެން ކެރެކްޓަރަކާއެކު އާ ސްޓޯރީލައިނަކުން ފެށުމަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ.