ޏ. ފުވައްމުލަކުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި ނުރައްކާތެރި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު މީހަކު ހައްޔަރުކޮށް، އޭގެތެރެއިން އެކަކު ޝަރުތުތަކަކަށް ފަހު ދޫކޮށްލައިފިއެވެ.
މި މާރާމާރީގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރަމުން ފުލުހުން ބުނީ، ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ކޮން ތަނަކުންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. އަދި, ހަތަރުވަނަ މީހާ ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ.
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
ފުލުހުން މީގެ ކުރިން ބުނީ، ފުވައްމުލަކުގައި ހިންގި އެ މާރަމާރީގެ ރިޕޯޓު ލިބިފައި ވަނީ ހުކުރުދުވަހުގެ ރޭ 12:30 ހާއިރު ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި 36 އަހަރުގެ މީހާއަށް ވަނީ ފުވައްމުލަކު ހޮސްޕިޓަލުން ވަގުތުން ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާ ދިނުމަށް މިއަދު ވަނީ މާލެ ގެނެސްފައެވެ.