ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އިންހައުސްކޮށް ދިވެހި ލީގް ނުހިންގޭނަމަ ލީގު ހިންގޭނެ އިތުރު ގޮތެއް ހޯދަން ޖެހޭ ކަމަށް އެފްއޭއެމް ރީފޯމް ކުރުމަށް ރޭ ކުރިއަށްދިޔަ "ސޭވް އެފްއޭއެމް" ކެމްޕެއިނުގައި ގޮވާލައިފިއެވެ.
"ސޭވް އެފްއޭއެމް" ކެމްޕެއިނުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެރެޓަރީ ހާމިދު ޢަބްދުލްގަފޫރު ވިދާޅުވީ، އެފްއޭއެމަށް ލީގު ނުހިންގެންޏާއި އެހެން ގޮތެއް ހޯދަންޖެހޭ ކަމަށާއި، އެފްއޭއެމް ފެއިލްވި ނަމަވެސް، ޕްރިމިއާ ލީގު ފެއިލްނުވެ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.
ހާމިދު ވިދާޅުވީ، ލީގު މި ގޮތަށް ހުއްޓިފައި އޮންނަ ނަމަ، މޮޅެތި ކުޅުންތެރިން ނުއުފެދޭނެ ކަމަށާއި، ކުޅުންތެރިންގެ ވަގުތު ވެސް ދާނީ ބޭކާރުވެގެން ކަމަށެވެ. މިގޮތުން ހުނަރުވެރި މޮޅު ކުޅުންތެރިން އުފައްދައި މޮޅު ޤައުމީޓީމެއް އެކުލަވާލެވޭނީ، ވާދަވެރި ލީގެއް މެދުނުކެނޑި ކުރިއަށްގެންދެވިގެން ކަމަށް ހާމިދުގެ ވާހަކައިގައި ފާހަގަކުރިއެވެ.
އޭނާ ވިދާޅުވީ، ދިވެހި ލީގް ހިންގަން އެހެން ބަޔަކު ހޯދަންޖެހިފައިވާ ކަމަށެވެ. މިގޮތުން މިޒަމާނުގައި ލީގް ހިންގަނީ އެކަމަށް ކޮންޓްރެކްޓްކުރާ ސްޕޯޓްސް މެނޭޖްމަންޓް ކުންފުނިތަކުން ކަން އޭނާ ފާހަގަކުރިއެވެ.
"އިންހައުސްކޮށް ލީގު ނުހިންގެންޏާ އިތުރު ބަޔަކަށް ދީގެން މިކަން ކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަން ކުރަނީ އެ މަގުން. މިސާލަކަށް އިނގިރޭސި ޕްރިމިއާ ލީގު ވެސް އެއީ އެގޮތަށް ހިންގާ ލީގެއް. އިނގިރޭސިލީގަކީ ފަސް ބިލިއަން ޑޮލަރުގެ ލީގެއް. އެސޯސިއޭޝަނަށް ލިބެނީ އެންމެ އިންސައްތައެއް. އެއޮށްގެން ހިންގަނީ ހަމަ" ހާމިދު ވިދާޅުވިއެވެ.

ރޭ ކުރިއަށްދިޔަ "ސޭވް އެފްއޭއެމް ކެމްޕެއިނުގެ ތެރެއިން--- މިހާރު ފޮޓޯ/ ނިޝާން އަލީ
ސްޕޯޓްސް ގްރޫޕަކާ ހަވާލުކުރެވިއްޖެނަމަ އެފްއޭއެމްގެ އެތެރޭގެ މައްސަލަތަކާއިހުރެ ލީގަށް އަސަރު ނުކޮށް މިހާރަށްވުރެ ރަނގަޅަށް ލީގު ހިންގިދާނެކަމަށް ހާމިދު ޤަބޫލުކުރެއެވެ. ނަމަވެސް މިކަން ކުރެވޭނީ ސަރުކާރުގެ ސިޔާސަތު މި މަގަށް އެނބުރިގެން ކަމަށްވާއިރު، ސޭވް އެފްއޭއެމްގެ މަޤްސަދަކީ ސަރުކާރުގެ ވިސްނުން މި މަގަށް ބަދަލުކުރުންކަމަށް ހާމިދުގެ ވާހަކައިގައި ފާހަގަކުރިއެވެ.
"ސޭވް އެފްއޭއެމް" ކެމްޕެއިނު ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޤައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް އާމިރު، (ސަލްސާ އާމިރު) ވިދާޅުވީ، މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު ސޮއްސާލާފައިވާ ސޮއްސާލުން ސަލާމަތްކުރުމުގެ ވިސްނުން ފުޓްބޯޅައިގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކެއް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރުމެވެ.
ރާއްޖޭގެ ފުޓްބޯޅައަށް މިހާރު ކުރިމަތިވެފައިވާ ހާލަތު ބަދަލުކުރުމަށް ހައްލު ކުރުމަށް އަތޮޅު ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމަށް ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމެވެ.

ރޭ ކުރިއަށްދިޔަ "ސޭވް އެފްއޭއެމް ކެމްޕެއިނުގެ ތެރެއިން--- މިހާރު ފޮޓޯ/ ނިޝާން އަލީ
ބައްދަލުވުމުގައި ވާހަކަދައްކަމުން ކުރިން ޤައުމީޓީމަށް ކުޅުނު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޑައިރެކްޓާ އޮފް ފުޓްބޯލްގެ މަޤާމު އަދާކުރެއްވި އަންވަރު އަލީ ވިދާޅުވީ، އެފްއޭއެމް ނެތަސް ފުޓްބޯޅަ ހިންގިދާނެ ކަމަށާއި، ރަސްމީ ސިފައެއްގައި ރައްޖޭގައި ފުޓްބޯޅަ ކުޅެމުން އަންނަތާ 73 އަހަރު ވެގެން ދިޔައިރު، އެފްއޭއެމް ވުޖޫދަށް އައީ ފަހުންކަމަށެވެ.
އަންވަރު ވިދާޅުވީ މީގެ ކުރިން ކޮވިޑް ދުވަސްކޮޅު ވެސް އެފްއޭއެމް އިސްލާހުކުރުމަށް ގްރޫޕެއް ހެދިގެން ދިޔަ ނަމަވެސް އެކަން މާ އެދެވޭ ގޮތަކަށް ކުރިއަށް ނުދިޔަކަމަށެވެ. ސަބަބެއްކަމަށް އޭނާ ތުހުމަތުކުރެއްވީ އެ ފަރާތްތަކުން އަދާކުރަމުން ދިޔަ ވަޒީފާތަކަށް އެފްއޭއެމުން ނުފޫޒު ފޯރުވުމެވެ.
"މިއުޅެނީ ލީގު ހިންގާނެ ފައިސާ ނެތިގެނެއް ނޫން. ފީފާގެ ރަސްމީ އެހީގެ އިތުރުން އެހެނިހެން ގޮތްގޮތުން ފީފާއިން ބަޖެޓް ދެމުން އަންނައިރު، ޖެނުއަރީ މަހުގެ ތެރޭގައި ޤައުމީޓީމުގެ ޚަރަދުތަކަށް ފަންސާސްހާސް ޑޮލަރާއި، ފުޓްބޯޅައިގެ އެކިއެކި ހަރަކާތްތައް ކުރިއެރުވުމަށް ހަ ލައްކަ ފަންސާސްހާސް ޑޮލަރު ޖަމާކުރި. އަދި ކުއާޓަރެއް ނިމުނީމައި ހިސާބުތައް ހުށަހެޅުމުން އެފައިސާވެސް ފީފާއިން ދޭ"
އަންވަރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ފަސް މިލިއަނެއްހާ ޑޮލަރު ފީފާއިން ދިންއިރު، ވޭތުވެދިޔަ އަހަރުތަކުގައި ފުޓްބޯޅަ ތަރައްޤީކުރުމަށް އެފްއޭއެމަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.
"އެހެންވީމައި އެފްއޭއެމްގެ ވާހަކަތައް ދެއްކުން ހުއްޓާލާފައި ފުޓްބޯޅަ އަލުން ދިރުވޭނެ ގޮތްތަކެއް ބަލައި އެ ގޮތްތަކަށް ދާންޖެހޭ" އަންވަރުގެ ވާހަކަިއގައި ވިދާޅުވިއެވެ.
އަންވަރު ވިދާޅުވީ، އެފްއޭއެމްގެ ފަހަތުން ދިއުމުގެ މާނައެއް ނެތް ކަމަށާއި، ޒާތީގޮތުން އެއްބަޔަކު އަނެއްބަޔަކާއި ދިމާކޮށްގެން ލިބޭނެ ކުރިއެރުމެއްވެސް ނެތްކަމަށެވެ.
"ސޭވް އެފްއޭއެމް" ކެމްޕެއިނުގައި ވާހަކަދައްކަމުން ޤައުމީ ޓީމުގެ ކުރީގެ ބިޔަ ޑިފެންޑަރު އަދި 2008 ވަނަ އަހަރު ރާއްޖޭގެ ޓީމް ސާފް ޗެމްޕިއަންޝިޕް ހޯދިއިރު، ޓީމުގައި އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސޮބާހް މުހައްމަދު ބުނީ، އެފްއޭއެމް އިސްލާހުކުރުމުގެ ވާހަކަދައްކާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އެފްއޭއެމްގެ ހާލަތު އޮތީ ވަރަށް ދަށުގައިކަން ފާހަގަކުރަމުން ސޮބާ ބުނީ، ކަމާއި ބެހޭ ހުރިހާ ފަރާތްތަކެއް އެއް މޭޒުދަށަށް އައިސް ވާހަކަ ދެކެވިގެން ނޫނީ މިކަން ހައްލުވާން ނެތް ކަމަށެވެ.
"އެ މީހުނާ އެކު އިށިއިނދެގެން ނޫން ގޮތަކަށް މިކަން ވާކަށެއް ނެތް. މި ދައްކަނީ ބައްސާމު ބޭރުކުރާ ވާހަކައެއް ވެސް ނޫން. އެކަމު ހަޤީޤަތަކީ އެ ގާބިލިއްޔަތުކަން ނެތީވިއްޔާ ނުވަތަ މިކަން ނުކުރެވޭ ކަމަށް ވަނީނަމަ އަމިއްލައަށްވެސް އެބަޖެހޭ އިސްތިއުފާދީފައި ނަމަވެސް މިކަން ކުރެވޭނެ ގޮތްތަކެއް އެބަޖެހޭ ހޯދަން" ސޮބާ ބުންޏެވެ
މީގެ އިތުރުން، ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް ރޭ ވިދާޅުވީ، ފުޓްބޯޅައިގެ ހާލަތު ބަދަލުކުރުމަށް ކްލަބުތަކާއި އެކު ވާހަކަދައްކައި ގޮތްތަކެއް ހޯދަންޖެހޭކަމަށެވެ. ކުލަބުތައް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތަކެއް ނުހޯދައި ފުޓްބޯޅައިގައި މިހާރު ފެންނަން މިހިރަ މައްސަލަތަކަށް ހައްލެއް ލިބޭނޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ހާނިމް ވިދާޅުވިއެވެ.

ރޭ ކުރިއަށްދިޔަ "ސޭވް އެފްއޭއެމް ކެމްޕެއިނުގެ ތެރެއިން--- މިހާރު ފޮޓޯ/ ނިޝާން އަލީ
"ކޮންމެ ކުލަބަކަށް ސަރުކާރުން ރުފިޔާ ދޭގޮތަށް ނުވަތަ އެފްއޭއެމްގެ ރައީސަކަށް ހުންނަވާ ބޭފުޅާ ފައިސާ ދޭ އުސޫލު ދޫކޮށްލާފައި ކުލަބުތައް އަމިއްލައަށް ކުރާ މަސައްކަތަކުން ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް އޮންނަންޖެހޭ" ހާނިމް ވިދާޅުވިއެވެ.
"ސޭވް އެފްއޭއެމް" ކެމްޕެއިނުގައި ރާއްޖޭގެ ފުޓްބޯޅައިގައި އެހާރާއި މިހާރުގެ އިސް ހަރަކާތްތެރިންގެ އިތުރުން ފާހަގަކޮށްލެވޭ މަޝްހޫރު ކުޅިވަރު ނޫސްވެރިން ވެސް ވަނީ އެފްއޭއެމްގެ ހާލަތާއި، ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތުގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.
މި ހަރަކާތުގެ ތެރެއިން ވާހަކަ ދެކެވޭ ކަންކަމުގެ ތެރެއިން ފާހަގަކުރާ ކަންކަން ފުޓްބޯޅައާ ބެހޭ އިދާރާއަށް ހިއްސާކުރުމާއި އަދި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ޙިއްޞާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ހިއްސާ ކުރެވޭ މައުލޫމާތުތަކުގެ އަލީގައި ފުޓްބޯޅައިގެ ކުރިމަގާ މެދު އައު ވިސްނުންތަކެއް ނެރެ ގޮތްތަކެއް ކަނޑައަޅައި ނިންމާނޭ ކަމަށް އުއްމީދުކުރާ ކަމަށް މި ހަރަކާތުގެ ބައިވެރިން އުއްމީދުކުރެއެވެ.