ށ. ނޫމަރާއިން، މުޙައްމަދު ނާއިލް ޙަފީޒް
ފާއިތުވި ހުުރިހާ ސަރުކާރަކުން ވެސް ށ. އަތޮޅުގައި އެންމެ މީހުން މަދު އެއް ރަށް ކަމަށްވާ ނޫމަރާ އޮތީ ބާކީ ކޮށްލައިފައި ކަމަށާއި ނޫމަރާއަށް ތަރައްގީއެއް ގެނައި ނަމަ އެ ކަން ކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުތަކުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭން ފެއްޓެވުމަށް އެ މަނިކުފާނު ށ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން އެ ރަށުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ނޫމަރާއަކީ މާލެއިން އުތުރުގައި 'އެންމެ އަޅައިނުލައި، އެންމެ ބާކީކޮށްފައި' އޮތް ރަށް ކަމަށެވެ.
ނަމަވެސް މި ރަށަށް އިސްކަންދީ ބާކީނުކޮށް މަސައްކަތްކޮށްފައި ވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، ބޮޑު އަޣުލަބިއްޔަތެއް ނޫމަރާއިން އެމްޑީޕީއަށް ދިން ސަަބަބު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ
އެގޮތުން ރަށަށް ލަފައި ފުރުމުގައި ހުރި ދަތިތަކަށް ހައްލު ގެނެސްދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކަމަށާއި، މިއަދު ވެސް އެ ކަމުގައި ހުރި ދަތިތަކަށް ހައްލު ގެނެސްދިނުމަށް ބަނދަރުގެ މަަސައްކަތް މި ސަރުކާރުން ކޮށްދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިން ވެސް ދެންނެވި ފަދައިން މި ރަށަކީ އެންމެ ޒަމާނުއްސުރެ އެކަހެރިކޮށް ބާކީކޮށް އެއްވެސް އަޅައިލުމެއް ދެވިފައި ނެތް ރަށެއް. ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ފަށަން ޖެހިފައިވަނީ ހަމަ އެންމެ ސުމަކުންނޭ ވެސް ދެންނެވިދާނެ،" ރައީސް ވިދާޅުވިއެވެ.
އެއާ އެކު އެ މަނިކުފާނު ވަނީ ނޫމަރާއަށް ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަމުގެ ވައުދުތައް ވިދާޅުވެދެއްވައިފައެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ބަނދަރު ނިމޭއިރު ގިިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށުން
- ނޫމަރައިގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުން
- ހަތަރު ކްލާސްރޫމް އަޅައިދިނުން
- އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުން
- މަސްވެރިންނަށް އޮޑިއެހެލާ ތަނެއް ގާއިމްކޮށްދިނުން
- ބޮޑު ދަނޑުގައި ޓާފް އެޅުން
- ވޮޮލީ ކޯޓު އެޅުން
- ރަށް ކައިރި ވަރުުވާއަށް ދީފައި އޮތް 'ނެޔޮ' ރައްޔިތުންނަށް ބޭނުންކުރެވޭ ރަށަކަށް ހެދުން
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ މަސައްކަތް ފަށައި، މަޑުޖެހިފައިވާ މަޝްރޫތައް އަވަސް ކުރުމަށްޓަަކައި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން އިންޖީނު ގޭގެ މަސައްކަތާއި، ރަށު އޮފީހުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދަކީ އެ މަނިކުފާނަށް އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން މިއީ ރައީސްކަމުގެ މަގާމުގައި އެ މަނިކުފާނު ހުންނަވައި މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރާ ފުރަތަމަ ފަަހަރެވެ.