މަރޮށިން ރައީސަށް ދެވަނަ ދައުރެއް ދޭން އޮތީ ތައްޔާރަށް: މިނިސްޓަރު ޒާހިރު

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މަރޮށީގައި ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން

ށ. މަރޮށީން، މުޙައްމަދު ނާއިލް ޙަފީޒް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ށ. މަރޮއްޓަށް ގެނެސްދިން ހެޔޮ ބަދަލުތައް ބަލައިގަންނަކަމަށާއި ދެވަނަ ދައުރެއް ދިނުމަށް ޓަކައި ރައްޔިތުން ތިބީ ތައްޔާރަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މަރޮށީގެ ރައްޔިތުންގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. ޒާހިރު ވިދާޅުވީ މަރޮއްޓަށް އެންމެ ގިނައިން ވަޑައިގެންނެވި ރައީސަކީ ރައީސް ޞާލިޙު ކަމަށެވެ. އަދި ކެބިނެޓްގެ އެންމެ ގިނަ ވަޒީރުން ވެސް ރަށަށް ކުރެއްވި ޒިޔާރަތަކީ މި ދަތުރުފުޅުކަމަށެވެ. އެއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

"އާދެ، މިއީ ހަނދާނުން ފޮހެވިގެން ނުދާނެ އުފާވެރި މަންޒަރެއްކަން ވެސް އަޅުގަނޑު ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޒާހިރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި މަރޮށި އޮތީ ތަރައްގީގެ މަޝްރޫއުތަކުން ވަރަށް ބޮޑަށް ބާކީކޮށްލައިފައިކަމަށެވެ. މަޝްރޫއުތައްދަނީ 'މަރޮށީ މަތިން ލައިފައި' ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަށަށް އެންމެ އާދައިގެ މަޝްރޫއެއް ވެސް ގެނެވެނީ ސަރުކާރުގައި އެތައް އާދޭހެއްކޮށްގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން މަރޮށީގެ ރައްޔިތުންގެ އަޑު އަހައި ތަރައްގީގައި ޝާމިލުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ނަމަވެސް މިއަދު މަނިކުފާނުގެ ޒައާމަތުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޒައާމަތުގައި، އަޅުގަނޑުމެން ށ. މަރޮށީގެ ރައްޔިތުން މި ތިބީ ވަރަށް އުފަލުން،" ޑރ. ޒާހިރު ވިދާޅުވިއެވެ.

މި ފަސް އަހަރުގެ ތެރޭ މީގެ ކުރިން މި ރަށުގައި ނުހިންގޭ އެތައް މަޝްރޫއެއް ހިންގަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ކޮވިޑުގެ ދަތިކަމާއެކު ވެސް ކުރިއަށްދާ މަސައްކަތްތައްކަމަށް ޑރ. ޒާހިރު ފާހަގަކުރެއްވިއެވެ. އަދި އެ ކަން ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު ރައީސް ޞާލިޙުގެ ދެވަނަ ދައުރެއްގައި ވެސް މަރޮއްޓަށް އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭނެކަމާމެދު ޝައްކުނުކުރައްވާކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

comment ކޮމެންޓް